ފިލްމީތަރި ހުނައިޝާ އާދަމް (ހުނޫ)ގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވާ ގޮތުގައި ހުނޫގެ މައްޗަށް އުފުލައިފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ ހުނޫއަށް 75 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެ ދައުވާތައް މިމަހުގެ 18 ވަނަ ދުވަހު ޕީޖީގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.
ހުނޫގެ މައްޗަށް އެ ދައުވާ އުފުލީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު އޭނާ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތެކެތި ފެނުނު މައްސަލާގައެވެ. ޕީޖީން ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ކޮށްފައިވާ ދައުވާތަކުގައި ހިމެނެނީ ގާތްގަނޑަކަޑަށް 353 ގްރާމް ޑައިމޯފިން އާއި 18 ގްރާމް މެތްއާއި 139 ކެނިބިސްއެވެ.
އެ މައްސަލާގައި އޭނާގެ ލޯބިވެރިޔާގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ.
ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިފައިވާ ހުނޫއަކީ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ.