ޚަބަރު

ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ޔޫރަޕުގެ ސިޔާސީ ޕާޓީއަކުން ގޮވާލައިފި

އަހުމަދު ޖައިޝަން

ހަމަހަމަ އަދި އިންސާފުވެރި އިންތިހާބެއް ކުރިއަށް ގެންދިއުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރުން މިހާރަށް ޖަލުން މިނިވަން ކުރުމަށް ޔޫރަޕުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އެލާޔަންސް އޮފް ކޮންޒަވޭޓީވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭކާ) އިން ގޮވާލައިފި އެވެ.

އޭކާ އަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕޮލިސީތަކުގެ އިތުރުން އެ ޖަމިއްޔާއާ އެކި ގޮތްގޮތުން ފާޑުކިޔާ ޕާޓީއެކެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސްގެ މަގާމުގައިވެސް ހުންނެވި ރައީސް ޔާމީން ހައްޔަރުކުރައްވާފައިވަނީ އެ ޕާޓީގެ ކެނޑިޑޭޓުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ކެނޑިޑެސީ ފޯމު ހުށަހަޅަމުންދާ ދަނޑިވަޅެއްގައި ކަަމަށެވެ.

އަދި ރައީސް ޔާމީން ހައްޔަރުކުރެއްވުމާ ގުޅިގެން އޭކާގެ އިތުރުން 40 އަށްވުރެ ގިނަ ޕާޓީންވެސް ދަނީ އެކަމާ ކަންބޮޑުވަމުން ކަމަށް އެ ޕާޓީން ބުންޏެވެ.

"އިންތިހާބެއްގެ ކުރީން އެފަދަ ކަމެއް ކުރުމުން ޕީޕީއެމްއަށް އިންތިހާބުގައި ކެމްޕެއިން ކުރުމަށް ލިބޭ ފުރުސަތުތައް އެބަ ލިމިޓު ވޭ،" އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރައީސް ޔާމީން ހައްޔަރުކުރި މައްސަލަ ވީހާވެސް އަވަހަކަށް ބެލުމަށް އެދި އެ ޕާޓީން ވަނީ އީޔޫއަށް ގޮވާލައިފައެވެ.

މިމަހުގެ 18 ވަނަ ދުވަހު ކުރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެން ރައީސް ޔާމީން ޖަލަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ތުހުމަތުކުރާ މަނީލޯންޑާ ކުރުމުގެ މައްސަލައިގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެނެވެ.