ޚަބަރު

ޔުނައިޓެޑާއި ލިވަޕޫލްގެ ހާއްސަ މެޗާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓެއް ބެންކޮކަށް

މުހައްމަދު ޖަމްޝަތް ވަހީދު

ތައިލޭންޑު ވެރިރަށް ބެންކޮކުގައި އަންނަ ޖުލައި މަހު މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ ހާއްސަ މެޗާއި ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓެއް ބެންކޮކަށް ބާއްވަން ނިންމައިފިއެވެ.

ކުރިއަށް އޮތް ބޮޑު އީދު ޗުއްޓީއަށް ބެންކޮކަށް ޖުމުލަ ދެ ފްލައިޓެއް ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމައިފައެވެ. މި ފްލައިޓްތައް އޮންނާނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހާއި 17 ދުވަހު އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް، އަހްމަދު މުޝްއިލް ސޮބާހު "ވަން" އަށް މިއަދު ވިދާޅުވީ ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ބެންކޮކަށް ބާއްވާ ދަތުރުތަކުގެ ތެރެއިން 10 ވަނަ ދުވަހު ދަތުރުކުރާ ފްލައިޓް ހާއްސަކޮށްފައި ވަނީ ފުޓުބޯޅަ ސަޕޯޓަރުންނަށް ކަމަށެވެ. އެއީ އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު ބެންކޮކުގައި، މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ ހާއްސަ މެޗު ބަލައިލަން ދިއުމުގެ ފުރުސަތު ސަޕޯޓަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފްލައިޓެއް ކަމަށް މުޝްހިލް ވިދާޅުވިއެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ އެންމެ ވާދަވެރި ކުރިމަތިލުމުގެ ގޮތުގައި މަޝްހޫރު ވެފައިވާ، މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ ޕްރީ ސީޒަން ފްރެންޑްލީ މެޗު އޮންނާނީ ބެންކޮކްގެ ރަޖާމަންގަލާ ގައުމީ ސްޓޭޑިއަމްގައެވެ.

މޯލްޑިވިއަން އިން ބެންކޮކަށް ތާވަލުކޮށްފައިވާ މިފްލައިޓު ތަކުގެ ރިޓާން ޓިކެޓުގެ އަގު ފެށެނީ 430 ޑޮލަރުންނެވެ. ބެންކޮކުން ރާއްޖެއަށް ބާއްވާ ފްލައިޓުގެ ރިޓާން ޓިކެޓުގެ އަގު ފެށެނީ 421 ޑޮލަރުންނެވެ.

ބޮޑު އީދާ ދިމާކޮށް އަންނަ ޖުލައި މަހުގެ 8، 15، 22 އަދި 29 ވަނަ ދުވަހު މެލޭޝިއާއަށްވެސް ހާއްސަ ފެއާއެއްގައި ފްލައިޓް ތަކެއް ބާއްވަން މޯލްޑިވިއަން އިން ވަނީ ނިންމައިފައެވެ.