އިބްރާހިމް ޒަކީ
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދަވާފައިވާ ކޮމިޝަނާއި، ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތްތައް ހޯދުމަށްޓަަކައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި، ކޮމިޝަނަށް ބާރުތައްދޭ ބިލް އާއި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވެސް އެޖެންޑާ ކޮށްފިއެވެ.
މިއީ މި ދެ ބިލަށް ވޯޓަށް އަހަން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރި 4 ވަނަ ފަހަރެވެ.
އެންމެ ފުރަތަަމަ މި ދެ ބިލަށް ވޯޓަށް އަހަން އެޖެންޑާ ކުރީ މިދިޔަ 2018 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ އެންމެ ފަހު ޖަލްސާއަށެވެ.
މީގެ އިތުރުން އިއްޔެ އާއި މިއަދު ބޭއްވި ޖަލްސާއަށްވެސް އެޖެންޑާ ކުރި އެވެ. ނަމަވެސް މި ދެބިލަށް ވޯޓަށް އަހަން ގާނޫނުގައި ބުނެފައިވާ އަދަދަށް ޖަލްސާއަށް މެންބަރުން ހާޒިރު ވެވަޑައިނުގެންނެވުމުގެ ސަބަބުންނެވެ.
އެއީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށް، ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ޤަވާއިދުގެ 37 ވަނަ މާއްދާގައި ބުނެފައިވާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ދެބިލަށް ވޯޓަށް އަހަން ބެލިއިރު ތިއްބެވީ 42 މެންބަރުންނެވެ. މިއަދުގެ ޖަލްސާގައި ތިއްބެވީ 37 މެންބަރުންނެވެ.