ޚަބަރު

ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ އިސްލާހަށްވެސް މިއަދު ވޯޓަކަށް ނޭހުނު

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ތެރެއިން، ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ ވޭތުވެދިޔަ ދެ ޖަލްސާގައިވެސް ވޯޓަކަށް ނޭހުނެވެ.

މި އިސްލާހަށް ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށާއި މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، ބިލަށް ވޯޓަށް އެހޭ ގޮތް ނުވީ، ގާނޫނުގައި ބުނާ އަދަދަށް ޖަލްސާގައި މެންބަރުން ހަމަ ނުވާތީ އެވެ.

މިބިލަށް ވޯޓަށް އެހުމަށް 43 މެންބަރުން ޖަލްސާގައި ތިބެން ޖެހެ އެވެ.

އެއީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށް، ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގައި ބުނެފައިވާތީ އެވެ.

ވޯޓަށް އަހަންވާ ގަޑީގައި މިއަދުގެ ޖަލްސާގައި 37 މެންބަރުން ތިއްބެވިއިރު ވޯޓަށް އެހުމުގެ ވަގުތުގައި އިއްޔެގެ ޖަލްސާގައި ތިއްބެވީ 42 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނާއި، ގޮތް ނޭނގޭ މަރުތައް ބަލައި ތަހުގީގު ކުރުމަށް އުފައްދަވާފައިވާ ކޮމިޓީގެ ބިލަށް ވޯޓަށް އެހޭގޮތް ވެސް ވަނީ ނުވެފަ އެވެ.

މި ކޮމިޝަނާބެހޭ ބިލަށް ވޯޓަށް އެހުމަށް ވެސް 43 މެންބަރުން މަޖިލީހުގެ ޖަލްސާގައި ތިއްބަވަން ޖެހެއެވެ.