އިބްރާހިމް ޒަކީ
ސަލާމަތީބާރުތަކުގެ ނަން ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެވެސް ވާޖިބެއް ކަމަށެވެ.
ވަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އިބްރާހިމް ވިދާޅުވީ، ސަލާމަތީ ބާރުތަކުގައިއުޅޭ މީހުންނަކީ ކުޅޭކުޅޭ ބަޔަކަށް ހަދައިގެން ނުވާނެ ކަމަށެވެ.
"ރާއްޖެއަށް ޖެހުނު ހުރިހާ ބުރަ ކަމެއްގައި، އުނދަގޫ ހުރިހާ ގަޑިއެއްގައި އެމީހުންނޭ ކަށިން މަދުނަގައިގެން މަސައްކަތް މިކޮށްދެނީ، އަދި އެއީ ވެސް ހަމަ ދިވެހި ރައްޔިތުން، ދިމާވާ ކޮންމެ މުސީބާތެއްގައި، އެމީހުން އެހީވަނީ، ކަނޑު ގަދަވެއްޖެއްޔާ އެމީހުން، މިހާރުވެސް ތިއޮއް މަރުވާހާމީހުންތައްް ހޯދުމާއި ޑައިވިން ކުރުމާއި މީ ކުޑަފަދަކަމެއްނޫން،" އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި ދިވެހިންނަށްޓަކައި އެންމެ ބުރަ އުފުލައިދިން ބަޔަކީ ސަލާމަތީ ބާރުތައް ކަމަށެވެ.
"މުސާރަ ހަލާލުވާ ގޮތަށް ރާއްޖޭގަ މަސައްކަތްކުރާ ބަޔަކަށްވާނެ އެމީހުން، އެފަދަ ބައެއްގެ ގަދަރަށް އުނިވާގޮތަށް ސިޔާސީ އެކި ބޭނުން ތަކުގައި ދައްކާ ވާހަކަތައް އެބަޖެހޭ ވަގުތުން ހުއްޓެން،" އިބްރާހިމް ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ، ސަލާމަތީ ބާރުތަކުގެ ތެރޭގައި ދީނީ ހަރުކަށި ވިސްނުން ހުރި މީހުން ތިބޭކަމަށް ބުނެ ވާހަކަ ދެއްކުަމަކީ ވަރަށް ނުބައި އެޖެންޑާއެއްގެ ދަށުން ކުރިއަށްދާ ކަމެއް ކަމަށެވެ. އަދި ދިވެހި ސަލާމަތީ ބާރުތަކުގެ ގަދަރު ކުޑަވާ ގޮތަށް ވާހަކަ ދައްކާމީހުންނަކީ ކޮން ނުފޫޒެއްގައި ކިހިނެއް ވެގެން އުޅޭ ބައެއްތޯ ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވި އެވެ.
"ހާއްސަކޮށް ދިވެހި ރާއްޖޭގެ ބޮޑެތި މަގާމުތައް ފުރުއްވާފައި ތިބޭ މީހުން އެކަހަލަ ވާހަކަ ދެއްކީމާ ހަމަ ވަގުތުން ވިސްނަން ޖެހޭނެ އޭގެ ފަހަތުގައި ކޮންމެވެސްކަމެއް އޮތްކަން، އާއްމުތަންތާގަ އެފަދަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި އެއީ ގައުމަށް އިހްލާސްތެރި މީހެއް ވެއްޖެއްޔާ އެމީހުންގެ ތެރެއަށް ގޮސް އިސްލާހުކުރަން ބޭނުންވާ ކަންތަކަށް އެޑްރެސް ކުރާނެ، ސަލާމަތީ ބާރުތަކަކީ ޓެރަރިސްޓުން ކަމަށް ހީވާގޮތަށް ވާހަކައެއް ނުދައްކާނެ،" އިބްރާހިމް ވިދާޅުވި އެވެ.