ވ. ތިނަދޫގައި އެކަށީގެންވާ ވަރުގެ މިސްކިތެއް ނެތް ކަމަށް ބުނެ އެ ރަށު ރައްޔިތުން އިހުތިޖާޖު ކޮށްފިއެވެ.
އެ އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހުކުރު ނަމާދަށްފަހުއެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސެއިން މިރޭ "ވަން" އަށް ވިދާޅުވީ، ހުކުރު ނަމާދަށްފަހު އެރަށު ރައްޔިތުން މިއަދު އިހުތިޖާޖުކުރީ ފިރިހެނުން ނަމާދުކުރާނެ ރަނގަޅު މިސްކިތެއް ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ އެރަށުގައި ފިރިހެނުން ނަމާދުކުރާ މިސްކިތުން މީގެ 10 އަހަރުކުރިން ގަބުރު ފެނުމުން އެ މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ.
އެ މިސްކިތް ބަންދުކުރުމަށްފަހު ސަރުކާރުން އާ މިސްކިތެއް އަޅައި ނުދޭތީ މިހާރު ނަމާދުކުރަމުން ދަނީ އެރަށު އަންހެނުންގެ މިސްކިތުގައި ކަމަށް ޝިފާގު ވިދާޅުވިއެވެ. އެއީ މީގެ 34 އަހަރު ކުރިން އަޅާފައިވާ މިސްކިތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަންހެނުންގެ މިސްކިތަކީ ޖާގަ ވަރަށް ކުޑަ މިސްކިތެއް. އެކިފަހަރު މަތިން ސަރުކާރަށް ދެންނެވިއްޖެ މިސްކިތެއް އަޅައި ދިނުމަށް ބަޖެޓް ފާސްކޮށްދިނުމަށް. އެކަމަކު ކޮންމެ ފަހަރަކު ބަޖެޓް ލިބެނީ އަންހެނުންގެ މިސްކިތުގެ އާބަރަތު ފިލުވަން. އެ މިސްކިތުން ސިމެންތި ފައިބާ، ބިތްގަނޑުން ކުލަ ފައިބާ، އާބަރަތު ފިލުވިޔަސް އަނެއްކާވެސް މިޖެހެނީ ދެން އަންނަ އަހަރު އާބަރަތު އަލުން ފިލުވަން،" ޝިފާގު ވިދާޅުވިއެވެ.
ޝިފާގު ވިދާޅުވީ ސަރުކާރުން އެރަށުގައި މިސްކިތެއް އަޅައިދޭނެ ކަމަށް އެއްބަސްވިޔަސް އަދި އެކަން ކޮށްފައިނުވާ ކަމަށެވެ. އެރަށަކީ އެ އަތޮޅުގެ އެހެން ރަށްރަށާ އަޅައި ބަލާއިރު އާބާދީ މަދު ރަށަކަށްވުމުން އަންހެނުންގެ މިސްކިތުގެ އާބަތުރަ ފިލުވައިގެން ބޭނުން ކުރަން ސަރުކާރުން އަންގާފައިވާ ކަމަށްވެސް ޝިފާގު ވިދާޅުވިއެވެ.
"މިރަށު އާބާދީ މަދު ނަމަވެސް މިސްކިތަށް ބިދޭސީން ވެސް އަރާނެ، ލޯކަލް ފަތުރުވެރިކަން މިރަށުގައި މިވަނީ ކުރި އަރާފައި. ރަށުގައި ވަރަށް ގިނަ ވަޒީފާ އެބަހުރި. ބޭރު މީހުން ވެސް ދާނެ ނަމާދުކުރަން،" ޝިފާގު ވިދާޅުވިއެވެ.