ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން މ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި އެއަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 13:00އިން ފެށިގެން ހަވީރު 05:00ގެ ނިޔަލަށެވެ. އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި މިއަދު 10:00 އިން މާދަމާގެ 10:00 އަށް ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި މީގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވެއެވެ. އަދި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ ވައި ޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާ ގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.