ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެމްޑީޕީން އިސްތިއުފާ ދެއްވައިފި އެވެ.
ރުކުމާ ވަނީ އެމްޑީޕީއިން އިސްތިއުފާ ދެއްވިކަމުގެ ސިޓީ މިއަދު އެމްޑީޕީއާ ހަވާލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
ރުކުމާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ ފަހުރުވެރިވާފަދަ ސިޔާސަތުތަކާއެކު ވުޖޫދަށް އައި ޕާޓީއެއްކަމަށެވެ. ނަމަވެސް ޕާޓީގައި މިހާރު އިހުލާސްތެރިންނާއި އަދާވާތްތެރިން ވަކި ނުވާކަމަށް ބުނެ ރުކުމާ ވަނީ އޭނާ އެމްޑީޕީއިން އިސްދިއުފާ ދިންކަމުގެ ސިޓީ އެމްޑީޕީއާ ހަވާލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
ވަން އޮންލައިން އަށް ދިން އިންޓަވިއުއެއްގައި ރުކުމާ ވިދާޅުވީ، ޕާޓީން އިސްތިއުފާ ދޭން ނިންމީ އެމްޑީޕީގެ ޕްރައިމަރީގައި ހިނގާދިޔަ ނޭދެވޭ ކަންކަން މުސްތަގުބަލުގައި ރަނގަޅު ކުރޭތޯ ކަމަށެވެ.
ރުކުމާ ވަނީ މި އެމްޑީޕީ ޕްރައިމަރީއަކީ އުސޫލާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާ ޕްރައިމަރީއެއް ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ޕްރައިމަރީގައި ރުކުމާއާ ދެކޮޅަށް ފާޅުގައި އެމްޑީޕީއަށް ނިސްބަތްވާ ވިޔަފާރަވެރިންނާއި އެމްޑީޕީގެ އިސް ސަފުގައި ފާހަގަކޮށްލެވޭ ފަރާތްތައް ހަރަކާތްރެރިވިކަމަށް ރުކުމާ ވިދާޅުވިއެވެ.
ހަމަ އެއާއެކު ރުކުމާގެ އިންތިހާބީ ހައްގުތަކަށް އަރައިގަތްކަމަށް ރުކުމާ ތުހުމަތު ކުރެއްވިއެވެ. އަދި ޕްރައިމަރީ ދުވަސްވަރު ރުކުމާގެ ޑޮމެއިން ނަންބަރުން އެކި މީހުންނަށް ނަފްރަތުގެ މެސެޖުތައް ފޮނުވި ކަމަށާއި، ގަސްތުގައި ނަންބަރު ބްލޮކް ކުރުމަށް މަސައްކަތް ކުރި ކަމަށް ރުކުމާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ އަކީ ފްރީ އެންޑް ފެއާ ޕްރައިމަރީއެއް ކަމަށް ގަބޫލު ނުކުރާކަމަށް ރުކުމާ ވިދާޅުވި އެވެ.
ރުކުމާ ވަނީ މަޖިލީހުގެ އިންތިހާބަށް ކެނޑިޑޭޓުން ހޮވުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓަށް ވާދަކުރައްވައިފައެވެ.
އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ރުކުމާއަށް ވަނީ ނާކާމިޔާބާ ކުރިމަތިވެފައެވެ.
ރުކުމާ އެމްޑީޕީ އިން އިސްތިއުފާ ދެއްވީ ޕްރައިމަރީގައި ނާކާމިޔާބުވި އެމްޑީޕީގެ މެންބަރުން އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތިލައިފި ނަމަ ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީން ބުނުމުން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ރުކުމާ ވިދާޅުވީ، އަމިއްލަގޮތުން މަޖިލީހަށް ވާދަކުރަން އަދި ނިންމަވާފައި ނުވާކަމަށެވެ.