ޚަބަރު

ތައިލެންޑާއި ސައުދީ އާއި ޗައިނާއަށް ކަނޑައެޅި ސަފީރުންނަަށް މަޖިލީހުން ރުހުންދީފި

އިބްރާހިމް ޒަކީ

ރާއްޖޭގެ ފަރާތުން ތައިލެންޑަށާއި، ސައުދީ އަރަބިއްޔާ އަށާއި، ޗައިނާއަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގެ ރުހުން ހޯދުމަށް، އެ ބޭފުޅުންގެ ނަންފުޅުތައް ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ގައުމީ ސަލާމަތު ކޮމިޓީން އެ ނަންފުޅުތައް ދިރާސާ ކުރުމަށްފަހު އެ ތިން ބޭފުޅުންނަށް ކޮމިޓީގެ ރުހުންދީ، ކޮމިޓީގެ ރިޕޯޓް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފައެވެ.

ކޮމިޓީގެ ރިޕޯޓްގައި ވާގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ނަން ފުޅުތަކަށް ވޯޓަށް އެހިއެވެ.

ތައިލެންޑް ސަފީރުކަމަށް މއ.ތިބުރޯޒު މުހައްމަދު ޖިނާހު އަށް، ރުހުން ދިނި ޖަލްސާގައި ތިއްބެވި 37 މެންބަރުުންގެ ތެރެއިން 36 މެންބަރުންގެ އިއްތިފާގުންނެވެ.

ސައުދީ ސަފީރުކަމަށް ގ.އުތުރުގެ އާގެ މުހައްމަދު ހަލީމު އަށް ރުހުން ދިނީ ޖަލްސާގައި ތިއްބެވި 38 މެންބަރުންގެ ތެރެއިން 36 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އަދި ޗައިނާ ސަފީރުކަމަށް މ.ބިނާފުށި އާއިޝަތު އާޒިމާ އަށް ރުހުން ދީފައިވަނީ ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުންނެވެ.