އެމްޕީ ރޮޒެއިނާ އާދަމް

ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް ނޭހުނު އިރު، ޖޭޕީ 10 އަދި އެމްޑީޕީ އެއް މެންބަރު މިއަދުގެ ޖަލްސާއަށް ހާޒިރުނުވޭ

ކޮރަޕްޝަނުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ރިޔާސީ ދެ ކޮމިޝަނަށް ބާރުތައް ދިނުމަށް ހުށަހަޅާފައިވާ، ރިޔާސީ ކޮމިޝަންތަކުގެ ބިލަށް މެންބަރުން ހަމަނުވެގެން ވޯޓަށް ނޭހުނު އިރު މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ އެއް މެންބަރާއި ޖޭޕީގެ 10 މެންބަރުން ހާޒިރުވެވަޑައިގެން ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެ ބިލު ދިރާސާކުރެއްވި މިނިވަން މުއައްސަސތަކާ ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކޮމިޝަނުގެ ބިލަށް ވޯޓަށް ނޭހި ނިންމައިލި މީ ތިން ވަނަ ޖަލްސާއެވެ. މިދިޔަ ދައުރުގެ ފަހު ޖަލްސާގައި ވެސް އެކަމަށް މަސައްކަތް ކުރި އެވެ. އިއްޔެގެ ޖަލްސާގައި އެ ބިލަށް ވޯޓަށް ނޭހުނީ އެއް މެންބަރު މަދުވެގެންނެވެ. މިއަދު ވޯޓަށް ނޭހުނީ ތިން މެންބަރުން މަދުވެގެންނެވެ.

ރިޔާސީ ކޮމިޝަނުގެ ބިލު ފާސްކުރުން އަވަސްކޮށްދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގަތުމާ ގުޅިގެން، ދައުރު މެދުން ޖަލްސާއެއް ބާއްވަން މަސައްކަތްކުރާ ކަމަށް ވެސް އޭރު ކޯލިޝަނުގެ ބައިވެރީން ބުނަމުންދިޔަ އެވެ. އެހެން ނަމަވެސް މި ދައުރު ފެށުނު އިރުވެސް އެފަދަ ޖަލްސާއެއް ބޭއްވިފައެއް ނުވެ އެވެ.

މިއަދުގެ ޖަލއްސާގެ ވޯޓަށް އެހި އިރު ވަޑައިގެން ނެތް ޖޭޕީގެ މެންބަރުންގެ ގޮތުގައި ރޮޒޭނާގެ ޓުވީޓުގައި ވިދާޅުވެފައިވާ ބޭފުޅުންނަކީ؛

1. ރިޔާޒު ރަޝީދު

2. ހުސެއިން މަނިކު ދޮންމަނިކު

3. އަހުމަދު މުބީން

4. އިބްރާހީމް ހަސަން

5. އަބްދުއްލަތީފް މުހައްމަދު

6. ހުސެއިން ޝަހުދީ

7. އިލްހާމް އަހުމަދު

8. މުހައްމަދު ހުސެއިން

9. އުމަރު ހުސެއިން

10. އަހުމަދު އަޒްހާން ފަހުމީ

މީގެ އިތުރުން، އެމްޑީޕީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް މިއަދުގެ ޖަލްސާގައި ވަޑައިގެން ނެތް ކަމަށް ރޮޒޭނާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

އެންމެ މެންބަރަކު މަދުވުމުގެ ސަބަބުން ރިޔާސީ ކޮމިޝަންތަކުގެ ބިލަށް އިއްޔެ ވޯޓަށް އެހޭގޮތު ނުވުމުން، މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އިއްޔެ ވިދާޅުވީ، މަޖިލީހަށް ވަޑައިނުގެންނެވި މެންބަރުންގެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.