ކ. ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް، އީނާސް ނަސީރުއެވެ.
މި މަޝްރޫއުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 10،000 މީޓަރުގެ ނެރު ފުންކުރުމާއި 125 މީޓަރު އެއްގަމު ތޮށި އަދި 50 މީޓަރުގެ ބޭރުތޮށި ލުމާއި 63 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 15 މީޓަރުގެ ޝީޓް ޕައިލްކުރުން ހިމެނެއެވެ. އަދި ޕޭވްމަންޓް ހެދުމާއި ނެރުބައްތި އާއި މަގުބައްތި ހަރުކުރުމާއި ލޮނުފެނާއި ރީތިފެން ލިބޭނެ ފެންލައިން އެޅުމުގެ އިތުރުން އީއައިއޭ ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއުގެ އަގަލކީ 36،132،701 މިލިޔަން ރުފިޔާއެވެ. މި މަސައްކަތް ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.
ކަނޑުއޮތްގިރިއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ބެލުމުގެދަށުގައި އޮންނަ ރަށެކެވެ. މިރަށަކީ އެކުންފުނިން ބާޒާރަށް ނެރޭ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ރަށެކެވެ. އެގޮތުން ކަނޑުއޮތްގިރީގައި މިހާރު ގާއިމްކުރެވިފައިވާ ފެސިލިޓީއަކީ ބޮޑު ކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްގީކުރެވިފައިވާ ފެސިލިޓީއެކެވެ. ނަމަވެސް ކަނޑުއޮތްގިރީގެ ބަނދަރު ތިލަވެ އެއްގަމު ތޮށި ހަލާކުވެފައިވުމާއެކު، އޮޑިދޯނިފަހަރަށް މި ބަނދަރު ބޭނުންކުރުމާއި މި ފެސިލިޓީގެ ފުރިހަމަ ބޭނުން ހިފުމަށް ވަނީ ދަތިވެފައެވެ.