ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާއި، އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ އިންތިހާބާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިންތިހާބުގެ ނަތީޖާއިން ދައްކާގޮތުގައި، ކުރިންވެސް އޮތް ގޮތަށް، ބޮޑު ތަފާތަކުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ބަލިކުރައްވައި ޗެއާޕާސަންކަމުގެ މަގާމަށް އިންތިހާބުވެފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.
އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އޭނާއާ ވާދަކޮށްފައިވަނީ، ސަފާތު އަހުމަދު ޒާހިރެވެ. އަދި ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމުގެ މަގާމުގެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ، ރިފްގާ ޝިޔާމެވެ.
އެމްޑީޕީން ބުނީ، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޕާޓީގެ ޗެއާޕާސަންކަމާ ފައްޔާޒް ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.