ޝަހީދާ އަބްދުﷲ ސައީދު
ސަރުކާރުގެ އަމާޒަކީ ވިޔަފާރިވެރިންނާ ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދަރުބާރުގޭގައި މިއަދު ފެށި ކޮންވެންޝަން ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުންނެވެ.
''ބިޒުނަސް ކޮންވެންޝަން 2019'' ގެ އެންމެ މުހިންމު އެއް ބޭނުމަކީ ސަރުކާރާއި ވިޔަފާރިވެރީން ގުޅިގެން ތައްޔާރުކުރާ މައުލޫމާތު ކަރުދާހުގައިވާ ކަންކަމަށް އަމަލީ ސިފައެއް ގެނައުން ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ ވިޔަފާރިވެރީންނަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދެއްކުމަށް ކޮންވެންޝަނުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި، ދައްކާ ވާހަކައެއްގެ ސަބަބުން އިތުރު ދައްޗެއް ކުރިމަތި ނުވާނެ ކަމަށެވެ.
ކޮންވެންޝަނުގެ ބަައިވެރީން އުއްމީދު ކުރެއްވި ވަރަށްވުރެ މަދުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ ކަންކަން ހައްލު ކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައިފައެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި ކޮންވެންޝަނުގެ އެއް މަގުސަދަކީ އިގުތިސޯދަށް ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ސީދާ ވިޔަފާރިވެރިންނާއި ވާހަކަ ދައްކައިގެން ހައްލު ހޯދުމެވެ.
އިކޮނޮމިކް މިނިސްޓްރީން ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ބިޒްނަސް ކޮންވެންޝަނުގައި ވިޔަފާރިވެރިންނަށް ނެޓްވޯކިން ސެޝަންތަކާއި ޕްރެޒެންޓޭޝަންތަކާއި ގްރޫޕް ޑިސްކަޝަންތައް ކުރިއަށްގެންދާނެ އެވެ.
އޭގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ މައުލޫމާތު ދިނުމާއި ވިޔަފާރިއާއި ޓެކްނޮލޮޖީއާއި އައިސީޓީ ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތުތަކާއި ކާނާގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކަށް ހުރި މައްސަލަތަކާ ގުޅޭ ގޮތުން ހާއްސަ ޕްރެޒެންޓޭޝަންތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.