ޚަބަރު

ސުޕްރީމް ކޯޓުގެ އަމުރަކީ ވަކި ބަޔަކަށް ސިޔާސީ މަންފާއެއް ހޯދައި ދިނުމުގެ މަގްސަދުގައި ނެރުން އަމުރެއް: އެމްޑީޕީ

މަރިޔަމް ޝަހުދާ

1

ސުޕްރީމް ކޯޓުގެ އަމުރަކީ ވަކި ބަޔަކަށް ސިޔާސީ މަންފާއެއް ހޯދައި ދިނުމުގެ މަގްސަދުގައި ނެރުން އަމުރެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

ސުޕްރީމްކޯޓުގެ އަމުރާ ގުޅިގެން އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނީ ކުރިއެކޭ ވެސް އެއްފަދައިން މިފަހަރުވެސް ސުޕްރީމް ކޯޓުން އިންތިހާބުތެރެއަށް ވަނުމުގެ އަމަލު ފަށްޓަވައި އިލެކްޝަނުން ކަނޑައަޅާފައިވާ ފޯމު ހުށަހެޅުމުގެ ތާރީހަށް ބަދަލު ގެނައުމަކީ އެ ޕާޓީން އެކަމާމެދު ކަންބޮޑުވާ ކަމެއްކަމަށެވެ. ވާދަވެރިކޮށް މުޅި ރާއްޖެއަށް އަމާޒުވާ ގޮތަށް ޕްރައިމަރީ ބޭއްވި ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް ވާއިރު، ސުޕްރީމް ކޯޓުން އިއްޔެ، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ބައިވެރިވުމަށް ފުރުސަތުދިން ދިނުމަކީ އެމްޑީޕީއަށް އަމާޒުކޮށް އެޕާޓީއަށް މަޖިލީހުގެ އިންތިހާބުގައި ގެއްލުން ދިނުމަށް ނެރުން ހުކުމެއް ކަމަށް ވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން ފާއިތުވި ސަރުކާރުން ޕާޓީގެ ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނު ފާސްކޮށް، ސުޕްރީމް ކޯޓުން އެ ގާނޫނު ބަދަލުކުރީއްސުރެ މިހާ ހިސާބަށް އެ ގާނޫނަށް ވާގިވެރިވުމަށްފަހު މަޖިލީހުގެ އިންތިހާބު ބޯމަތިވުމާއެކު އިންތިހާބުގެ ތާރީހަށް ބަދަލު އަންނާނެ ފަދަ ގޮތަކަށް ކަން ކުރެއްވީ ވަކި ބަޔަކަށް ސިޔާސީ މަންފާއެއް ހޯދައި ދިނުމުގެ މަގްސަދުގައި ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. ހަމަ އެއާއެކު ކުރިން ވަކި ގާނޫނުތަކާއިި ގާނޫނުތަކުގެ ވަކި މާއްދާތައް ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެންގެވުމަކުން ބާތިލްކޮށްފައިވާއިރު އިއްޔެ ބަދަލު ކުރި ގާނޫނުގެ މާއްދާތައް ކުރިން ކޯޓުން ބާތިލްކޮށްފައި ނުވާކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

އެހެން ހުރިހާ ޕާޓިއަކަށްވުރެ ކުރިން އެމްޑީޕީން މަޖިލިސް އިންތިހާބަށް ތައްޔާރުވާން ފެށިކަމަށާއި، ސުޕްރީމްކޯޓުގެ މި އަމުރުން އިންތިހާބީ ތާރީހު ތަކަށް ބަދަލުގެނައުމަކީ އެމްޑީޕީއަށް އަމާޒުކޮށް ޕާޓީއަށް ގެއްލުން ދިނުމަށް ނެރުނު އަމުރެއް ކަމަށް ބުނެ އެ ޕާޓީން ވަނީ އިލެކްޝަން ކޮމިޝަނަށް އެ ކޮމިޝަނުން ކަނޑައަޅާ ތާރީހުތަކާއި އެއްގޮތަށް އަމަލު ކުރުމުގެ ބާރު ލިބިދޭން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟