ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ދެ ކަރުދާހެއްގެ ޝަކުވާއާ ގުޅިގެން ވޯޓު ފޮއްޓެއް އަލުން އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ޗެކް ކުރުމުން ވެސް ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކަމެއް ފާހަގައެއް ނުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ.
ވިލިމާލެ ދާއިރާގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އޮތީ ޕީޕީއެމްގެ ކެންޑިޑޭޓެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެމްއެންޕީގެ ކެންޑިޑޭޓް އާމިނަތު ޝީޒާ އަށް ލިބުނީ 358 ވޯޓެވެ. އަދި އެ ގޮނޑި ކާމިޔާބުކުރި ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާއަށް ލިބުނީ 359 ވޯޓެވެ. އެންމެ ވޯޓެއްގެ ތަފާތު އުޅޭތީ އެމްއެންޕީގެ ފަރާތުން ވަނީ އަލުން ވޯޓު ގުނައިދިނުމަށް އީސީގައި އެދިފައެވެ. ނަމަވެސް އީސީން ނިންމީ ވޯޓު އަލުން ގުނުމުގެ ބަދަލުގައި ވޯޓު ފޮށި ޗެކް ކުރުމަށެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު މިރޭ "ވަން" އަށް ވިދާޅުވީ، ވޯޓު އަލުން ޗެކް ކުރުމުން ވެސް ނަތީޖާއަކަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި އެމްއެންޕީން ހުށަހެޅި ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަން ވެސް އަލުން ޗެކް ކުރިއިރު މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އާމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.