އިބްރާހިމް ޒަކީ
ދައުލަތަށް ފައިސާ ހޯދަން އޮތް މަގަކީ ރިސޯޓުތަކުގެ ބިމު ކުލި ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޓެކުހުން މާ ބޮޑު ފައިދާ ދައުލަތަށް ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު، މުހައްމަދު އަބުދުﷲ ޝަފީގު (މޯޑު) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މޯޑު މިނިސްޓަރާ ސުވާލު ކުރެއްވީ، ޓޫރިޒަމް ގާނޫނަށް ހަތްވަނަ އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި، ރިސޯޓުތަކުގެ ބިމު ކުލި ކުޑަ ކުރުމަށް ހުށަޅާފައިވާ މައްސަލައާ ބެހޭގޮތުންނެވެ.
އެގޮތުން ދައުލަތަށް ލިބޭ އާމްދަނީ އަބަދުވެސް މަދުވެފައި އޮންނައިރު، ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި، ބިމު ކުލި ކުޑަކުރަން ހުށަހަޅާފައިވާއިރު، ހާއްސަކޮށް، މ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހުރި ރަށްތަކުގެ ބިމު ކުލި އަށް ޑޮލަރުން ހަ ޑޮލަރަށް ކުޑަކުރަން ހުށަހަޅާފައިވާއިރު، އެކަމުން އަންނާނެ ބަދަލު އޮޅުންފިލުވުމަށް މެންބަރު ސުވާލު ކުރެއްވިއެވެ.
އެ ސުވާލާ ގުޅިގެން މިނިސްޓަރު މައުސޫމު ވިދާޅުވީ، ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހުން ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ. އަދި އެ ބަދަލު މަޖިލީހުން ފާސްކޮށްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ އިސްލާހާބެހޭ އިތުރު މައުލުމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތަށް މިހާރު ބޮޑު އާމްދަނީއެއް ލިބެމުން އަންނަނީ ޓެކްސް ނިޒާމުން ކަމަށެވެ. އަދި މިހާރު ދައުލަތަށް ފައިސާ ހޯދަން އޮތް މަގަކީ، ރިސޯޓު ތަރައްގީ ކުރާއިރު ލިބޭ ބިމު ކުލި ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ގާނޫނަށް އެ ގެންނަ ބަދަލާއެކު، އަލަށް ރިސޯޓުތައް ހެދޭއިރު، ދައުލަތަށް ލިބޭ ޓެކްސްގެ އަދަދު ވަރަށް ބޮޑުތަން ބޮޑުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ގޮތުން ލިބޭނެ އާމްދަނީގެ އަދަދުތައް، އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ، މަޖިލިހުގެ އިގްތިސާދީ ކޮމިޓީއާ ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދުރު މުސްތަގުބަލަށް ބަލާއިރު، ދައުލަތަށް ވެސް އަދި ރައްޔިތުންނަށްވެސް އެންމެ ފައިދާބޮޑު ގޮތަކީ ވިޔަފާރި ބޮޑަށް ހިންގައިގެން ޓެކުހުން ފައިސާ ހޯދުން ކަމަށެވެ.