ނެޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިން ޕީސް އެންޑް ސެކިއުރިޓީ ފޯރަމް ފަށައިފި އެވެ.
މިއަދު ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ހަފުލާއެއްގައި މި ފޯރަމް ފަށްޓަވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހުގެ އިތުރުން މި ފޯރަމްގެ ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ކެބިނެޓްގެ ބޭފުޅުންނާއި ސަރުކާރު އިދާރާތަކުގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން އދ ގެ ރެސިޑެންޓް ކޯޑިނޭޓަރ، ޝޯކޯ ނޯޑޯ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިގޮތުން ޝޯކޯ ނޯޑޯ ވަނީ މިފަދަ ފޯރަމެއް ކުރިއަށް ގެންދިއުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
ޝޯކޯގެ ވާހަކައިގައި ވަނީ ރާއްޖެއަކީ ރާއްޖޭގެ ރީތިކަމުގެ އިތުރުން ރާއްޖެގެ ހަމަހިމޭން ކަމަށް މަޝްހޫރު ގައުމެއް ނަމަވެސް ރާއްޖެގެ ހަމަހިމޭންކަން މަޑުމަޑުން ގެއްލެމުންދާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޝޯކޯ ވަނީ ގިނަ ފަހަރަށް މިއީ ރާއްޖޭގައި އެކި ސަރަހައްދުތަކުގައި އެކި ކަންކަމަށް ފުރުސަތު ނުލިބުމުގެ ސަބަބުން ވާކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މީހަކުގެ ކުރިއެރުމަށް ބޭނުންވާ ފުރުސަތު ނުލިބުމުން އެމީހާ މުޖްތަމައުތެރޭ އެކަހެރިވެ، އެކަނިވެރިކަމާއި އެކަހެރިކަމުގެ ތެރެއަށް ގޮސް މީހާގެ ވިސްނުމަށް ފަސޭހައިން ނުފޫޒު ފޯރުވޭ ހާލަތަށް މީހާ ގޮސް ހަރުކަށި އެކްސްޓްރީމިޒަމަށް އެނބުރުމުގެ ފުރުސަތު ހުޅުވޭކަމަށް ޝޯކޯ ވިދާޅުވިއެވެ.