ޚަބަރު

މުސްތަގުބަލަށް، އެންމެ މުހިއްމު ފިޔަވަޅަނީ ރައްޔިތުންގެ ބާރުތައް އަނބުރާ އިއާދަކޮށްދިނުން: ހޯމް މިނިސްޓަރު

އިބްރާހިމް ޒަކީ

ރާއްޖޭގެ މުސްތަގުބަލަށްޓަކައި އަޅަން އޮތް އެންމެ މުހިއްމު އެއް ފިޔަވަޅަނީ ހިފެހެއްޓިފައިވާ، ރައްޔިތުންގެ ބާރުތައް އަލުން އަނބުރާ ރައްޔިތުންނަށް އިއާދަކޮށްދިނުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓަރު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ، އެކަން އެގޮތަށް ކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފުރަތަމަ ނިންމެވުން ތަކުގެ ތެރޭގައި، ގާނޫނާ ހިލާފަށް ހިފެހެއްޓިފައިހުރި ލޯކަލް ކައުންސިލްތަކުގެ ބާރުތަކާއި ގާނޫނާ ހިލާފަށް ލޯކަލް ކައުންސިލްތަކާ މެދު އަޅާފައިވާ ފިޔަވަޅުތަކަށް ހައްލު ހޯދައިދިނުން ހިމެނޭ ކަމަށެވެ.

"ރާއްޖޭގެ މުސްތަގުބަލަށްޓަކައި މުހިއްމު އެއް ފިޔަވަޅަނީ ހިފެހެއްޓިފައިހުރި ރައްޔިތުންގެ ބާރުތައް އަލުން އަނބުރާ ރައްޔިތުންނަށް އިއާދަކޮށްދިނުންކަމުގައި ވީހިނދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފުރަތަމަ ނިންމެވުންތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ވޭތުވެދިޔަ ތަނުގައި ގާނޫނާ ހިލާފަށް ހިފެހެއްޓިފައި ހުރި ލޯކަލް ކައުންސިލްގެ ބާރުތަކާއި ގާނޫނާ ހިލާފަށް ލޯކަލް ކައުންސިލްތަކާމެދު އަޅާފައިވާ ފިޔަވަޅުތައް މުރާޖައާކޮށް އެކަންކަމަށް ހައްލު ހޯދައިދިނުން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްޖިމާއީ، އިގްތިސާދީ، އަދި ސިޔާސީ މައްސަލަތައް ހަލު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅަކީ ހަގީގީ މާނައިގައި ރާއްޖެ ލާމަރުކަޒު ކުރުން ކަމަށެވެ.

"އަމިއްލައަށް ކަންކަން ނިންމުގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުން، މައި ސަރުކާރަށް ބަރޯސާނުވެ ރަށްރަށާއި އަތޮޅުތައް ހިންގުމަށް ހިނގާ ހަރަދާއި އާއްމު ހިދުމަތްތައް ދިނުމަށް ހިނގާ ހަރަދަށްވުރެ މަދުނުުވާނޭ އާމްދާނީއެއް ލިބޭނެ ގޮތެއް ސާފުކޮށް ފެންނަން އޮތުން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނުއަސާސީ ކުރަހައިދޭ ތަސައްވަރާ އެއްމިންވަރަކަށް، ރައްޔިތުންނަށް އޭގެ މަންފާ ފުރިހަމަ ގޮތުގައި ލިބޭނޭހެން ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ހިންގުމުގެ ކަންކަން އަލުން ބައްޓަންކުރައްވާނެ ކަމަށެވެ.