ޚަބަރު

ގައުމުގެ ހަމަޖެހުން ނަގައިލައި ހަރުކަށިކަން އިސްކޮށްނުހެދުމަށް ރައީސް އިލްތިމާސް ކުރައްވައިފި

މަރިޔަމް ޝަހުދާ

ގައުމުގެ ހަމަޖެހުން ނަގައިލައި، މުޖްތަމައުގެ ހަމަޖެހުން ގެއްލޭފަދަ ހަރުކަށި އަމަލުތައް އިސްކޮށްނެހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންނަށް އިލްތިމާސްކުރައްވައިފި އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވަނީ ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިން ޕީސް އެންޑް ސެކިއުރިޓީ ގެ ނަމުގައި ނެޝަނަލް ކައުންޓާ-ޓެރެރިޒަމް ސެންޓަރުން މިއަދު ހޮޓެލް ޖެންގައި ކުރިއަށްގެންދާ ފޯރަމް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހުގެ ވާހަކައިގައި ވަނީ އެންމެންގެވެސް އެދުމަކީ ސުލްހަ މަސަލަސްކަމާއެކު ހަމަޖެހިގެން ދިރިއުޅުން ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ފަރާތުން ކުރާ ކޮންމެ ކަމެއްގެ ނަތީޖާއަކަށް ބޭނުންވަނީ ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އިސްލާމީ ސައްހަ އަގީދާގެ މަތީ ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވުމުގެ ސަބަބުން މުޖްތަމައުތެރޭ އުފެދިގެން ނުވާނޭ ހިޔާލު ތަފާތުތައް މިހާރު އުފެދެން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ސައްހަ އިސްލާމީ އުޅުން އެއްފަރާތްކޮށް ހަރުކަށި ވިސްނުމާއި އެއްކޮޅަށް ބައެއް މީހުންގެ ވިސްނުން ލެނބިގެންދާކަމާއި ކަމުގެ ނުރައްކާތެރިކަމަށް ވިސްނުމެއްނެތި ދީނަށް ކުޑައިމީސް ކުރެވޭ ފަދަ ހިޔާލު ފާޅުކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމު ބިނާކޮށްދެވޭނެ ފަދަ ޒުވާން ޖީލެއް ބިނާ ކުރުމަކީ އެންމެންގެ ޒިންމާއަަކަށް ވާހިނދު ސަރުކާރުންވެސް ރަނގަޅު ތައުލީމީ ޒުވާން ޖީލެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ޒުވާނަކީ އިސްލާމީ ސައްހަ އަގީދާ މަތީ ތަރުބިއްޔަތުވާ ރަނގަޅު ޒުވާނަކަށް ހެދުން މުހިއްމު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން އިސްލާމީ މެދުމިނުގެ ވިސްނުމުން އެއްކިބާވެ، ހަރުކަށި ފިކުރުތަކަށް ތަބާވެ ޓެރަރިޒަމްގެ އަމަލުތަކުގައި ދިވެހިން ބައިވެރިވުމުން ޓެރަރިޒަމްގެ އަމަލުތައް ހިންގާ ކަމީ ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވުމުގެ އިތުރުން މުޖުތަމައަށްވެސް އޮތް ނުރައްކަލެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމުގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ވެސް ލިބޭ ގެއްލުމެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހު ވަނީ އެތަނެއްގައި ހަނގުރާމައެއް ހިނގަމުން ނުދާ ކޮންމެ ތަނަކީ ސުލްހަ ގާއިމްވެފައިވާ ތަނެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ސުލްހަ ގާއިމްވެފައިވާ ތަނަކީ އެތަނެއްގެ ރައްޔިތުންގެ މެދުގައި އޯގާތެރިކަމާއި، ހަމްދަރުދީގެ އިތުރުން ލޯބި އުފެދިފައި އޮންނަ އޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.