އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ބަހުސް ކުރުމަށް އިތުރު ކަމެއް ނެތުމުން، ވޯޓަށް އަހާ ގަޑީގައި ޖަލްސާ ބޭއްވުމަށް ނިންމައި 9:14 މަޖިލީހުގެ މިއަދުގެ ޖަލްސާ މެދު ކަނޑާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނު 9:03 ގައި ފެށީ 23 މެންބަރުންނާއެކުގައެވެ.
މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅިއަށް އެޖެންޑާ ކޮށްފައިވަނީ، 4 ޖަލްސާއެއްގެ ޔައުމިއްޔާ ފާސް ކުރުމާއި، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަން ފުޅުތައް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމާއި، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް ފަހު ގައުމީ ސަލާމަތު ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓަށް ބަހުސް ކުރުމެވެ.
ޖަލްސާގައި ޔައުމިއްޔާތައް ފާސް ކުރުމަށްފަހު އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރުމަށް ފޮނުވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށްފަހު، ސަފީރުކަމަށް ކަނޑައެޅުމަށް ފޮނުވި ނަންތައް ދިރާސާކުރުމަށްފަހު، ކޮމިޓީން ޖަލްސާއަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމަށް 30 މިނިޓްގެ ފުރުސަތެއް ރިޔާސަތުން މެންބަރުންނަށް ހުޅުވައިލެއްވި އެވެ.
އެއީ ކޮންމެ ސިޔާސީ ޕާޓީއެއްގެ ފަރާތުން އެއް މެންބަރަކަށާއި ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންގެ ތެރެއިން އެއް މެންބަރަކަށެވެ.
ނަމަވެސް އެއްވެސް މެންބަރަކު އެ ރިޕޯޓަށް ވާހަކަފުޅު ދައްކަވަން ފުރުސަތަކަށް އެދިވަޑައެދިވަޑައެއް ނުގެންނެވިއެވެ.
އެހެންކަމުން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، އިތުރުކަމެއް އެޖެންޑާގައި ނެތުމުން، ވޯޓަށް އަހާ ގަޑީގައި ޖަލްސާ ފެއްޓެވުމަށް މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.
"އެއްވެސް ބޭފުލަކު އެއްޗެއް ވިދާޅުވުމަށް ބޭނުންފުޅު ނުވާކަމަށް އަޅުގަނޑު ނިންމައިފިން، ވަރަށްބޮޑަށް ޝުކުރިއްްޔާ މި ރިޕޯޓުގެ ބަހުސްގެ މަރުހަލާ މި ނިމުނީ، މި ރިޕޯޓަށް ވޯޓަށް އެހުން ވޯޓަށް އަހާ ގަޑީގައި އޮންނާނެ، މިއަދުގެ ޖަލްސާގައި ދެން އޮތީ ވޯޓަށް އެހުމުގެ ބައި ކުރިއަށް ގެންދިއުން، އިތުރުކަމެއް އެޖެންޑާއަކުނެތް، އެހެންވީމަ މިއަދު 1:30 ގައި ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވޯޓަށް އެހުން އޮންނާނެ،" ޖަލްސާ ނިންމަވައި ލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
މިއަދު 1:30 ގައި ތިންކަމަކަށް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ޕެންޝަނާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ހިޔާނާތުގެ މައްސަލަ ތައް ދިރާސާކުރާ ކޮމިޓީ އާއި މަރުގެ މައްސަލަތައް ދިރާސާކުރާ ކޮމިޓީއަށް ބާރު ދިނުމުގެ ބިލާއި، ސަފީރުކަމަށް ކަނޑައެޅުމަށް ފޮނުވި ނަންތައް ދިރާސާކުރި ރިޕޯޓަށް ވޯޓަށް އެހުމެވެ.