ޚަބަރު

ޣިޔާސުއްދީން ކައިރިން ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

މާލޭގައި މިއަދުވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި.

މިއަދު މި ހާދިސާ ހިނގާފައި ވަނީ ޣިޔާސުއްދީން ކައިރީގައި އޮންނަ ކުޅިވަރު އެކުވެނި ހުންނަ މަގުގައެވެ. ވަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިޖެހީ ސައިކަލުގައި ދިޔަ މީހަކު ކާރެއްގައި އިން މީހެއްގެ ގަޔަށެވެ.

ޒަހަމްވި ޒުވާނާއަށް މިހާރު އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު ކަމަށާއި ޒަހަމްވި ޒުވާނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ މަރަދޫފޭދޫގައި ދެ ޒުވާނަކަށް ހަމަލާދީ ޒަހަމަކޮށްލާފައިވާ އިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ މަޖީދީމަގު އޮލިމްޕަސް ކައިރިން ވެސް ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އޭގެ ތެރެއިން އައްޑޫގައި ހަމަލާދިން ޒުވާނާ އާއި އޮލިމްޕަސް ކައިރިން ހަމަލާދިން ޒުވާނާގެ ހާލު ސީރިއަސްއެވެ.

އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ޖުމްލަ ދިހަ މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ ތިން ކުދިންނާއި 18 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް އަދި 26 އަހަރުގެ މީހެކެވެ.