މިއީ އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބޭ ދުވަހެއްކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ރައީސް ހޮވުމަށް މިހާރު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު، މީޑިއާއިން ކުރި ސުވާލަކާ ގުޅިގެންނެވެ.
އެ ސުވާލަށް ރައީސް ނަޝީދު ދެއްވި ކުރު ޖަވާބުގައި ވިދާޅުވީ، މިއީ އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބޭ ދުވަހެއް ކަމަށެވެ. އަދި އަބަދުވެސް އެމްޑީޕީ މަސައްކަތް ކުރަނީ އިންތިހާބުތައް މެދުވެރިކޮށް، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައި، އެމްޑީޕީ އާއި، ރާއްޖޭގެ ކުރިމަގު ރާވަމުން ގެންދިއުމަށްކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ވޯޓު ލެއްވީ، ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ގަލޮޅު އުތުރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. ދެ ވޯޓު ފޮށި ބަހައްޓާފައިވާ އެ ސްކޫލްގައި ދެން ހުރީ މައްޗަންގޮޅީ ދާއިރާގެ މެންބަރުންނަށް ބަހައްޓާފައިވާ ވޯޓު ފޮއްޓެވެ.
މި އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނުން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރއިްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަ ކުރައްވަނީ އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިންމާއީލެވެ.
މި އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީ ގިނަ މެންބަރުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. ފައްޔާޒަށް ތާއީދުކުރައްވާ ވަޒީރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ހިމެނިވަޑައިގަންނަވައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ގިނަ މެންބަރުންގެ ތާއީދު ފައްޔާޒަށް އޮތް ނަމަވެސް، މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއެކު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ތާއީދުކުރައްވަނީ އިންތިއަށެވެ. އެ ޓީމުގެ އެންމެ އިސް ސަފުން ދެން ފާހަގަކޮށްލެވެނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާއެކު މިއަދު އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާގެ އިންތިހާބު ވެސް ކުރިއަށްދެއެވެ. އެ އިންތިހާބުގައި ވާދަކުރައްވަނީ ފައްޔާޒާއެކު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި އިންތިއަށް ތާއީދުކުރައްވާ ސަފާތު އަހުމަދު ޒާހިރެވެ.
މި އިންތިހާބުގައި ޗެއާޕާސަން ހޮވުމަށް 94،211 މީހުންނަށް ވޯޓުލެވޭ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސަކު އިންތިހާބުކުރުމަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ އިރު ޒުވާނުންގެ ހިތްވަރަށް މީހަކު އިންތިޚާބުކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވޭނެއެވެ.
މި އިންތިހާބުގެ ވޯޓުލުން ހެނދުނު 9:00 ގައި ފަށާފައިވާއިރު، ހަވީރު 4:00 އަށް ކުރިއަށްދާނެއެވެ.