ޚަބަރު

މީހުންގެ ނަމުގައި ތަކެއްޗަށް ފައިސާ ދައްކުވައިގެން މަކަރުން ފައިސާ ހޯދާ މައްސަލަތަކެއް ފެންމަތިވެއްޖެ

އަހުމަދު ޖައިޝަން

މީހުންގެ ނަމުގައި ތަކެތި ގަނެފައިވާ ކަމަށް ބުނެ އެއަށް ޝިޕިން ޗާޖު ފައިސާ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ނަގަމުންދާ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން ޗީފް އިންސްޕެކްޓަރ އިޒްމިއާ ޒާހިރު، "ވަން އޮންލައިން"އަށް ވިދާޅުވީ އެހެން މީހެއްގެ ނަމުގައި ޕެކޭޖެއް ނަގާފައިވާ ކަމަށް ބުނެ އެ ހަވާލު ކުރުމަށް މީހުންނަށް ދޭ ކަމަށެވެ. އަދި އެ ޕެކޭޖު ދިނުމަށްފަހު އެއަށް ޝިޕިން ޗާޖެއް އަރާ ކަމަށްވެސް އެމީހުން ބުނާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

"އަސްލު ވާ ގޮތަކީ ކައުންސިލް އިދާރާގެ މީހެއް ނުވަތަ ޓީޗަރެއް ނުވަތަ އެފަދަ މީހެއްގެ ނަމުގައި އައިޓަމެއް ހުންނަ ކަމަށް ގުޅާފަ މި ބުނަނީ. ދެން އެ ހަވާލު ކޮށްފަ މި ބުނަނީ ޝިޕިން ޗާޖެއް އޮންނ ކަމަށް،" އޭނާ ވިދާޅުވިއެވެ.

މިއަދުވެސް އެފަދަ މައްސަލައެއް ރިޕޯޓުކުރި ކަމަށާއި އެ މައްސަލައިގައި ޕެކޭޖަށް 13،500 ޝިޕިން ޗާޖުގެ ގޮތުގައި ދެއްކުމަށް އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިޒްމިއާ ވިދާޅުވީ ޕެކޭޖު ރައްދުވާ ކަމަށް ބުނާ ފަރާތަށް އެ ޕެކޭޖާ ގުޅޭގޮތުން މައުލޫމާތު ހޯދަން ސުވާލުކުރުމުން އަންގަނީ އެއީ އޭނާގެ ޕެކޭޖެއް ނޫން ކަމަށެވެ.

މިއަދު ހަވާލުކުރުމަށް ދިން ތިން ފޮށީގެ ޕެކޭޖުގައި ހުރީ ހުސް ކުނި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަސްލު ބޭނުމަކީ މިފަދަ މަކަރާއި ހީލަތްތަކުން ރައްޔިތުން ރައްކާތެރިވެ ހުރުމަށް ހުޝިޔާރުވުން. އާންމުން ޖެހޭ މިފަދަ ކަންތައްތަކަަށް ހުޝިޔާރުވާން،" އޭނާ ވިދާޅުވިއެވެ.

އިޒްމިއާ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް އޮޅުވައިލުމަށް މީހުން ދަނީ އެކި ކަހަލަ އުކުޅުތައް ބޭނުންކުރަމުން ކަމަށެވެ.