ޚަބަރު

ނޯ ކޮންފިޑެންސް ނެގިޔަސް ގާނޫނު އަސާސީއާ ހިލާފު ކަމެއް އަޅުގަނޑު ލައްވައެއް ނުކުރެވޭނެ: ރޮޒައިނާ

އަހުމަދު ޖައިޝަން

ބިރު ދެއްކި ނަމަވެސް އަދި ނޯ ކޮންފިޑެންސް ނެގިޔަސް ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދު އަދި މަޖިލީހުގެ އުސޫލުތަކާ ހިލާފު ކަމެއް ނުކުރެވޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އޭނާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރުކަމުން ދުރުކުރުމަށް މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރޮޒައިނާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރީއަތުގައި އޮތް މައްސަލައަކާ ގުޅިގެން މަޖިލީހުގައި މައްސަލައެއް މީގެ ކުރީންވެސް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.

އެހެންކަމުން، އެމައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅުމުން ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް، އެމައްސަލަ ކުރިއަށްގެންދަން ހުރަސް އަޅުއްވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.