ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު 12 އެވޯޑެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
މި އެވޯޑްތަކަށް ޓޫރިސްޓުން ބައިތިއްބާ ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރަށް ކުރިމަތިލެވޭނެއެވެ.
މި އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އެކަކުން އެމަހުގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.
ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރު، މިއިން ކޮންމެ ކެޓަގަރީއަކުން ޖުމުލަ މާކްސް އެންމެ މަތިން ހޯދާ އެއްވަނަ، ދެވަނަ އަދި ތިންވަނަ ފަރާތަކަށް އެވޯޑެއް ދޭނެއެވެ.
މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރަމުން އަންނަ އަހަރެވެ.