ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި އަލީ ސަމީރު ޑީޕީޖީގެ މަގާމަށް

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދެއްވި އަލީ ސަމީރު، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ، ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކޮށްފިއެވެ.

އޭނާ މިއަދު ވަނީ ހައިކޯޓާއެކު ޕީޖީ އޮފީހުން ބޭއްވި ބައްދަލުވުމެއްގައި ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްއާއެކު ބައިވެރިވެވަޑައިގެންފަ އެވެ.

ފަނޑިޔާރު އަލީ ސަމީރު ހައިކޯޓުން އިސްތިއުފާ ދެއްވީ، ހުސްވި އޭޕްރީލް މަހުގެ 17 ގައެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަލީ ސަމީރު އައްޔަންކޮށް، މަގާމުގެ ހުވާކުރެއްވީ 26 މާޗު 2011ގަ އެވެ. އޭރު ހައި ކޯޓުގެ ފަރާތުން ޖޭއެސްސީއަށް އިންތިހާބު ކޮށްފައިވާ ފަނޑިޔާރަކީ ވެސް އަލީ ސަމީރެވެ.

ހައި ކޯޓަށް އައްޔަންކުރުމުގެ ކުރިން އޭނާ ވަނީ، ޖިނާއީ ކޯޓުގެ ސެކްރެޓެރީ ކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރު ކަމުގެ މަގާމާއި މަދަނީ ކޯޓުގެ ގާޒީ ކަމުގެ މަގާމާއި މަދަނީ ކޯޓާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމުވެސް އަދާ ކުރައްވައިފައެވެ.

އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.