ރިފާ ހަލީލު
މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އޮންލައިންކޮށް އަދި އެ މިނިސްޓްރީގެ ކައުންޓަރުތަކުން މިއަހަރު 7،433،908 ރުފިޔާ ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި އޮންލައިންކޮށް އެހެން ރަށްރަށުން ދައްކާފައިވާ ފައިސާވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފަގީރުން ނެތް ރަށްރަށުން ފައިސާގެ ގޮތުގައި 450،373 ރުފިޔާ ލިބިފައިވާ ކަމަށާއި ފަގީރުން ނެތް ރަށްތަކުގެ ގޮތުގައި ޖުމުލަ 42 ރަށް ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފަގީރުން ނެތް ރަށްރަށުން ލިބުނު ފައިސާއާއި މާލެއިން ލިބުނު އަދަދަށް ބަލާއިރު ޒަކާތުގެ ގޮތުގައި މުޅި ޖުމުލަ 7،884،281 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގޮވާމުގެ ބާވަތްތަކުން މުޅި ޖުމުލަ ލިބިފައިވަނީ 11399.45 ކިލޯއެވެ. އަދި ސަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބިފައިވަނީ 10092 ކިލޯއެވެ.