ޚަބަރު

އައްޑޫގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން މިރޭ 7:15ގައި 24 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރޭ ފަތިހު 04:00ގައި ހަމަލާދީފައިވަނީ އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުން ބައިސްކަލުގައި ދިޔަ އިންޑިއާ ފިރިހެނަކަށެވެ. އޭނާގެ މޫނު މައްޗަށް ދިން ހަމަލާއާ ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، މިހާރު އެމީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.