ޚަބަރު

ތަފާތު ޝަކުވާތަކާއެކު 107 ފަނޑިޔާރުން ޖޭއެސްސީއަށް ޕެޓިޝަނެއް ހުށަހަޅައިފި

އަހުމަދު ޖައިޝަން

ތަފާތު ޝަކުވާތަކަކާއެކު 107 ފަނޑިޔާރުންގެ ސޮއި ހިމެނޭ ޕެޓިޝަނެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފަށް ރައްދުކުރައްވައި ހުށަހެޅި ޕެޓިޝަންގައި ފަނޑިޔާރުން ވަނީ ފަނޑިޔާރުންނާ ގުޅުންހުރި ހަ ކަމަކަށް އެދިފައެވެ.

އެގޮތުން އެ ޕެޓިޝަނުން އެނގޭގޮތުގައި އެއީ މުސާރައާއި އިނާޔަތްތަކާ ގުޅުންހުރި ހަތަރު ކަމަކާއި މަގާމުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ކަމާ ގުޅުންހުރި ދެ ކަމެކެވެ.

މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ހިމަނާފައިވާ ހަތަރު ކަންތައް ތިރީގައި އެވަނީއެވެ.

މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުން

އެ ޕެޓިޝަންގައި ބުނެފައިވަނީ ފަނޑިޔާރުންނަށް މިހާރު ދެމުން އަންނަ މުސާރައާއި އިނާޔަތަކީ 28 ޑިސެމްބަރ 2010 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އޮނިގަނޑާ އެއްގޮތަށް 2010 އޮގަސްޓްމަހުގެ 10 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ އެއްޗެއް ކަމަށެވެ. އަދި އޭގެ ފަހުން ނުވަ ވަރަކަށް އަހަރު ވެފައިވާއިރު ދިރިއުޅުމުގެ އާންމު ހަރަދުތަކާއި އެހެން ހަރަދުތަކުގެ އިތުރުން ޒަރޫރޫ ބޭނުންތަކުގެ އަގުތައް ވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށްވެސް އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

ބޯހިޔާވަހިކަން ލިބޭނެ މަގުފަހި ކޮށްދިނުން

މިނިވަން މުއައްސަސާތަކާއި، ދައުލަތުގެ އެހެނިހެން އިދާރާތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ކަނޑައެޅިފައިވާ ހާއްސަ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ހަމަޖެހޭނެ ފުރުސަތުތަކެއް ހުރި ނަމަވެސް އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެފަދަ އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށް ވަނީ އެ ޕެޓިޝަންގައި ބުނެފައެވެ.

މެޖިސްޓްރޭޓުންނަށް ކޯޓު ފަޓުލޫނުގެ އެލަވެންސް ދިނުން

އެ ޕެޓިޝަންގައި ބުނީ މާލޭގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ތެރެއިން ބައެއް ކޯޓުތަކުގެ ފަނޑިޔާރުންނަށް އަހަރުން އަހަރަށް ކޯޓު ފަޓުލޫނު އެލަވަންސް ދެމުންދާކަމާއި އަދި އަނެއްބައި ކޯޓުތަކުގެ ފަނޑިޔާރުންނަށް ކޯޓު ފަޓުލޫނު ދެމުން އަންނައިރު މިހާތަނަށް މެޖިސްޓްރޭޓުންނަށް އެފަދަ އެއްވެސް އެލަވަންސެއް ހަމަޖައްސާފައި ނުވާ ކަމަށެވެ.

މެޖިސްޓްރޭޓުންނަށް ފޯން އެލަވަންސް ހަމަޖައްސައިދިނުން

ދަށުކޯޓުތަކުގެ ތެރެއިން މާލޭގެ ސުޕީރިއާ ކޯޓުގައި މަސައްކަތް ކުރާ ކޮންމެ ފަނޑިޔާރަކަށް މަހުންމަހަށް ފޯން އެލަވަންސް ދެމުން އަންނަ ކަމަށް އެ ޕެޓިޝަންގައި ބުނެއެވެ. މެޖިސްޓްރޭޓުންނަކީ ޝަރީއަތް ކުރުމުގެ އިތުރުން ކޯޓު ހިންގުމުގެ އިދާރީ އެންމެހާ ޒިންމާތަކާއި މަސްއޫ ލިއްޔަތުތައް އުފުލަމުން ގެންދާ ފަރާތްކަމުގައިވާ އިރު، އަދި މިއަދާ ހަމައަށްވެސް މެޖިސްޓްރޭޓުންނަށް ފޯން އެލަވަންސެއް ހަމަޖައްސައިދެވިފައި ނުވާ ކަމަށް އޭގައި ފާހަގަކޮށްފައިވެއެވެ.

މަގާމު ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ ގުޅޭގޮތުން ހިމަނާފައި ކަންތައް ތިރީގައި އެވަނީ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނު

ފަނޑިޔާރުންގެ ގާނޫނަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި ފަނޑިޔާރުންގެ ގާނޫނުގެ (ހ) އާއި (ށ)ގެ މަގުސަދާއި ހިލާފު އިސްލާހެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ޕެޓިޝަންގައި ބުނެއެވެ.

އެ އިސްލާހީ ގާނޫނަކީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެއްޖެ ނަމަ އެ ފަނޑިޔާރެއްގެ ފަނޑިޔާރުކަން ގެއްލޭފަދަ ގޮތަކަށް އޮންނަ އިސްލާހެކެވެ.

ފަނޑިޔާރެއްގެ ނުރުހުމުގައި ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ނުކުރުން

އެ ޕެޓިޝަންގައި ބުނެފައިވަނީ ފަނޑިޔާރަކާ މެދު ހުށަހެޅޭ ޝަކުވާއަކާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެމައްސަލައެއް ބަލާ ފަނޑިޔާރުގެ މައްއެޅޭ ތައުދީބީ ފިޔަވަޅަކުން ނުވަތަ ފަނޑިޔާރަކު އެދިގެން ނޫން ގޮތަކަށް އެ ފަނޑިޔާރެއްގެ ނުރުހުމުގައި އެ ފަނޑިޔާރަކުގެ ކޯޓު ބަދަލު ނުކުރުމަށެވެ.