ރާއްޖޭން ބޭރުގެ މަސްބޯޓެއްގައި ހިންގި މާރާމާރީއެއްގައި ޒަހަމުވި ދެ މީހަކަށް އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ބޭރު ކަނޑުން ދަތުރުކުރަމުން އަންނަ ރާއްޖޭން ބޭރުގެ މަސްބޯޓެއްގައި ހިންގި މާރާމާރީއެއްގައި ޒަހަމުވި ދެ މީހަކު މިރޭ 7:35ގައި އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިންގެ އެހީތެރިކަމާއެކު ހިތަދޫ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވެފައިވަނީ އިންޑޮނޭޝިއާގެ ދެ މީހަކަށް ކަމަށާއި އެހާދިސާ ހިނގި އިރު މަސްބޯޓު އޮތީ ރާއްޖެއާ 760 ނޯޓިކަލް މޭލު ބޭރުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެ ދެ މީހުން އަރުވައިގެން ދަތުރުކުރި "ޝެން ފެންގް 3" ނަމަކަށް ކިޔާ ބޯޓު މިއަދު މެންދުރުފަހު 2:30 ހާއިރު އައްޑޫ ސިޓީއާ 50 މޭލަށް ކައިރިވުމުން ޑޮކްޓަރުންގެ ޓީމަކާއި ފުލުހުންނާއެކު އެ ސަރަހައްދަށް ގޮސް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެފްއައިސީ "ހަކުރާ" ލޯންޗަށް ނަގައި، ޒަހަމުވި ދެމީހުން އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދީފައިވަނީ ޖޭއާރުސީސީ އޮސްޓްރޭލިއާ އިން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 01:34 ހާއިރު ކަމަށާއި އެ މައުލޫމާތު ތައިޕޭ އެމްއާރުސީސީން ވެސް އެރޭ ފަތިހު އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރުސީސީއާ ވެސް ހިއްސާކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.