މާފަންނު ގެއެއްގެ ތަޅުންގަނޑު ދަށުގައި ފޮރުވާފައި ހުއްޓައި އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރު އަހުމަދު ހުސައިންގެ ބަންދަށް އިތުރު ފަނަރަ ދުވަސް ޖަހައިފިއެވެ.
ޕީއެންސީގެ ކައުންސިލް މެންބަރުކަމުން އޭނާ ވަކިކުރީ އެ މައްސަލައިގައެވެ.
މީގެ ކުރިން އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހާފައިވާއިރު، ބަންދާ މެދު ގޮތެއް ނިންމުމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
އިއްޔެގެ ބަންދުގެ މަޖިލީހުގައި އޭނާ ވަނީ، އޭނާއާ ދެކޮޅަށް ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކަކީ އޭނާއާ ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ބައެއް ކަމަށް ބުނެފައެވެ. އަދި އޭނާ ކުއްޔަށް ދީފައިވާ ގޭގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށާއި އޭނާއަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.
އަހްމަދު ހުސައިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ފުލުހުން ހޯދި މަސްތުވާތަކެތި ފެނިފައި ވަނީ އެންމެންނަށް ވަދެވޭ ގޮތަށް ހުރި ތަނަކުން ކަމަށާއި، އެއީ އޭނާއާ ދެކޮޅު ފަރާތަކުން ދެރައެއް ދިނުމަށް ކުރިކަމެއް ކަމަށެވެ.
ނަމަވެސް ފުލުހުން ބުނީ، އެ މައްސަލައާ ގުޅިހެން ފުލުހުންނަށް ފިލުމަށްޓަކައި އޭނާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ފޯނު ނަންބަރު ބަދަލު ކުރުމުޖުގެ އިތުރުން ފޯނުވެސް ބަދަލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ދެން ހައްޔަރުކުރި އަބްދުﷲ ނަޝީދުގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ. އެގޮތުން އޭނާގެ ބަންދަށް އިއްޔެ ވަނީ ދިހަ ދުވަސް ޖަހައިފައެވެ.
ފުލުހުން 42 ކިލޯގެ މަސްތުވާތަކެތި ހޯދި ގެ ހުންނަނީ، ފުލުހުންގެ، ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓު ކަމަށްވާ އެފްސީޕީޑީ އޮފީސް ކުރިމަތީގައެވެ. ފުލުހުން އެ ގެއިން މަސްތުވާތަކެތި ހޯދާފައިވަނީ މިދިޔަ މާޗް މަހުގެ 24 އަދި 25 ވަނަ ދުވަހު ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިމާޓްމަންޓް (ޑީއީޑީ) އާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައެވެ. މަސްތުވާތަކެތި ފެނިފައިވަނީ އެގޭގެ ތަޅުންގަނޑުގެ އަޑީގައި ކުޑަ ގޯޅިއެއްހެން ހަދާފައި ހުންނަ ތަނަކުންނެވެ.