ޚަބަރު

ލުތުފަރުގެ މަރު: އެރޭ ކުރިމަގު ބޯޓުން މޫދަށް އެއްޗެއް ވައްޓައިލިއަޑަށް ސިއްސައިގެންދިޔަ!

ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި މަސައްކަތް ކުރަން އުޅުނު ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގައި، ހެކިބަސް ނެގުން މިއަދު ކުރިއަށްގެންގޮސްފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި، ގިނަ ބައެއްގެ ހެކިބަސް ނަގަން ނިންމާފައި އޮތް ނަމަވެސް މިއަދު ހެކިބަސް ނެގުނީ އެންމެ މީހެއްގެ ފަރާތުނެވެ. އެއީ ޅައިމަގު ކައުންސިލްގެ ނާއިބު ރައީސަކަށް އޭރު ހުންނެވި އަބްދުﷲ ޝަނޫނެވެ.

ހެކިބަސްދެމުން އޭނާ ބުނީ، ލުތުފަރު މަރުވި ހާދިސާ ހިނގިރޭ އޭނާ އޮތީ، ބަނދަރު ސަރަހައްދުގައި އޮތް ޖޯއްޔެއްގައި ކަމަށެވެ. ދޯންޏާ 100 އެއްހާ ފޫޓު ދުރުގައި ހުރި އެ ޖޯލީގައި އޮއްވައި، ކުރިމަގު ބޯޓާދިމާލުން މޫދަށް އެއްޗެއް ވެއްޓުނު ފަދަ ބާރު އަޑެއް އިވުނު ކަމަށެވެ. އެ އަޑާއެކު ސިއްސައިގެން ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް އިވުނީ ކޮން އަޑެއްތޯ ބަލަން އެ ބޯޓު ކައިރިއަށް ނުދާ ކަމަށްވެސް އޭނާ ބުންޏެވެ.

ށ. ޅައިމަގު "ކުރިމަގު 1"ގެ ބޯޓުގައި ކައްކާއެއްގެ ގޮތުގައި އުޅުނު، ލުތުފަރުގެ މަރުގެ ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރުގަ އެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ 12:17 ހާއިރެވެ. އެރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ދުވަސް ކޮޅަކަށް ކުރިއަށް ގެންދިއުމަށްފަހު، މިސްރާބު ބަދަލުކޮށް މަރުގެ މައްސަލައަކަށް އެ މައްސަލައިގެ ތަހުގީގު ބަދަލު ކުރިއެވެ.

އެ ތަހުގީގުގެ ދަށުން، ލުތުފަރާއެކު އެ ބޯޓުގައި އުޅުނު ބަންލަދޭޝްގެ ތިން މީހުން ކަމަށްވާ، އަލަމިން އާއި ނޫރުލް އިސްލާމް އާއި އެމްޑީ އަހުތަރު ހުސެއިން ހައްޔަރު ކުރިއެވެ. އެއަށްފަހު އެމީހުން ލުތުފަރާ މެދު ކަންތައް ކުރިގޮތް ފުލުހުން މީޑިއާއަށް ހާމަކޮށްދިނެވެ.

އެކަމާބެހޭ މައުލޫމާތު ދެމުން ފުލުހުން އޭރު ބުނީ، ލުތުފަހު މަރާލީ އޭނާއާ އެކު އެއް ބޯޓުގައި މަސައްކަތްކުރި މީހުންނާ އެކު ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.

ލުތުފަރު މަރާލާފައި ވަނީ ބޯޓުގެ ވާތްފަރާތުން ދިރުނބާކޮޅު ހިސާބުން ތައްޓުމަތީގައި ބޭއްވުމަށް ފަހު ނޭވާ ހާސްކޮށްލައިގެން ކަމަށް ފުލުހުން ބުންޏެވެ.

ތަހުގީގަށް ލިބިފައިވާ މައުލޫމާތުތައް ހާމަކުރަމުން ފުލުހުން އޭރު ބުނިގޮތުގައި، ލުތުފަރު މަރާލި ރޭ ބޯޓަށް މީހަކު އަރައިފާނެ ކަމުގެ ބިރަށް، ލުތުފަރުގެ ދެ ފައިގައި ވަލެއް ބަނދެ މޫދަށް ބާލާފައިވާ ކަމަށާއި އޭގެ ގަޑިއެއްހާ އިރު ފަހުން ނޫރުލްއިސްލާމް މޫދަށް ފުންމާލުމަށް ފަހު ލުތުފަރުގެ ހަށިގަނޑު އަލުން ނެގީ ކަމަށެވެ. އަދި ލުތުފަރު ލައިގެން ހުރި އަންނައުނު ބާލުވައި އޭނާގެ ހަށިގަނޑުން ފެން ހިއްކައި، އެހެން އަންނައުނު ލެއްވުމަށްފަހު، އޭނާ އާއްމުކޮށް ނިދަން އޮންނަ ތަންމަތީގައި ބޭއްވީއެވެ.

އެއަށްފަހު އޭނާގެ ހަށިގަނޑަށް ކަންތައް ކުރާނެ ގޮތަކާމެދު މަޝްވަރާކުރުމަށް ފަހު އެ ރޭގެ ދަންވަރު 1:30 ހާއިރު އެ ހަށިގަނޑު ކަނޑުފައްތަން ނިންމައި ތިން މީހުން ވެގެން އޭނާގެ ހަށިގަނޑު ކުރިމަގު ބޯޓާ ދިމާލުން ފަޅުތެރެއަށް ދެ ވަނަ ފަހަރަށް ބޭލުވީއެވެ.

ފުލުހުން ބުނިގޮތުގައި، ލުތުފަރު ކަނޑުފައްތާފައި ވަނީ އެ ބޯޓުގައި ބޭނުންކުރާ ވަލާއި ގޯންޏާއި އަދި ފެންއަޅަން ބޭނުންކުރާ 20 ލީޓަރުގެ ތިން ހަން ބޭނުންކޮށްގެންނެވެ.

އެގޮތުން އެ ތިން ހަން ލުތުފަރުގެ ހަށިގަނޑުގައި ބަނދެގެން، ލުތުފަރުގެ ހަށިގަނޑު ފަޅުތެރެއިން ލާފައި، ގެންގޮސް ބަނދަރުގެ ބޭރު ތޮށިގަނޑު މަތިން އަރުވައިގެން ތޮށިގަނޑުގެ ބޭރަށް ބޭލުމަށްފަހު، ގޯނިތަކަށް އެ ދިމާލުން ހިލަ އާއި ގާ އެޅުމަށް ފަހު ލުތުފަރުގެ ފަޔާއި އުނަގަނޑުގައި ބަނދެ އެދިމާލުން ކަނޑަށް ފެއްތީ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި، އެ ދިމާލުން ކަނޑަށް ފީނައި 27 މީޓަރު އަޑިން ލުތުފަރުގެ ކަށިތައް ކަމަށް ބެލެވޭ ކަށިތަކެއް ވެސް ހޯދިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލުމުން ފުރަތަމަ އެ ތިން މީހުން ވެސް ކުށަށް އިއުތިރާފު ވެ، ޕީޖީއާ އެކު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގައިވާ ފަދަ ކުށުގެ އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.

ނަމަވެސް 2019 ވަނަ އަހަރު ޖުލައި 25 ގައި ބޭއްވި މި މައްސަލައިގެ އަޑއެހުމުގައި އެ ތިން މީހުން ބުނެފައި ވަނީ އެ މީހުން އިއުތިރާފުވީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށެވެ.

އެމީހުންގެ ތެރޭގައި އަކްތަރު ހުސެއިން ވަނީ ޖަލުގައި ހުއްޓައި މަރުވެފައެވެ. ހާޓްއެޓޭކެއް ޖެހިގެން އޭނާ މަރުވީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ރެއެފެ.

މިއަދުގެ އަޑުއެހުމުގައި ކުރިމަގު ބޯޓުގެ ކައްޕި، އަލީ ޝަރީފާއި އިތުރު ދެ މީހެއްގެ ހެކިބަސް ނެގޭގޮތް ނުވީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ.

މި މައްސަލައިގެ ރިޕޯޓުތައް ތައްޔާރުކުރި ފުލުސް އޮފިސަރުންނާއި އާންމުންގެ އިތުރު ބަޔަކާއި، އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ ބަޔަކު ހެކިބަސް ދިނުމަށް އަދިވެސް އެބަ ތިބިކަމަށް ދައުލަތުން މިއަދު ބުންޏެވެ. ނަމަވެސް މި މައްސަލައިގައި ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

މި މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، މިމަހުގެ 24 އާއި 28 ވަނަ ދުވަހު ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގައި ނިންމައިލައްވާނެ ކަމަށެވެ. ހެކިން ހާޒިރުކޮށް ނުދެވިއްޖެނަމަ ދެން އިތުރަށް އެރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.