ޚަބަރު

ކުރަމަތީ ރިސޯޓުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ކުރަމަތީ އައިލެންޑް ރިސޯޓުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:50 ހާއިރު ކުރަމަތީ ރިސޯޓުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެ ރިސޯޓުގައި ގެނބިގެން މަރުވެފައިވަނީ އުމުރުން 60 އަހަރުގެ ޖަރުމަން އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ ފަތުރުވެރިޔާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އޭނާގެ ހަށަގަނޑު މާލެ ގެނައުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު މާފުށީގައި އުމުރުން 40 އަހަރުގެ ތުރުކީ ފިރިހެނެއް ގެނބިގެން މަރުވެފައިވާ އިރު، މިމަހުގެ 12 ވަނަ ދުވަހު ވެލިދޫ އައިލެންޑް ރިސޯޓުގައި 78 އަހަރުގެ އޮސްޓްރިއާ ފިރިހެނެއް ވަނީ ގެނބިގެން މަރުވެފައެވެ. އަދި މިމަހުގެ ހަ ވަނަ ދުވަހު ރޮބިންސަން ރިސޯޓުގައި 45 އަހަރުގެ ޗައިނާގެ ފަތުރުވެރިޔަކު ވަނީ ގެނބިގެން މަރުވެފައެވެ.