ޚަބަރު

ލޭ އަޅާ ކުދިންގެ އަދަދު ސުމަކަށް ހެދުން އެއީ ނުވާނެ ކަމެއް ނޫން: ޑރ. އުމަރު

ރިފާ ހަލީލު

ލޭ އަޅާ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވީނަަވެސް އެ އަދަދު ސުމަކަށް ހެދުމަކީ ނުވާނެ އަދި ނުކުރެވޭނެ ކަމެއް ނުން ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސްގެ އެސޯސިއޭޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވެއްޖެ އެވެ.

ތެލެސީމިއާ ދުވަހާއި ގުޅިގެން "ވަން" އިން ގެނެސްދޭ ހާއްސަ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ޑރ. އުމަރު ވިދާޅުވީ ގާނޫނު ބުނާ ގޮތުން ނަމަ އުމުރުން 12 އަހަރުވުމުން އެ ކުއްޖަކު ތެލެސީމިއާ އަށް ޓެސްޓުކުރުން މައިންބަފައިންގެ މައްޗަށް ލާޒިމުވެ އެވެ.

ގާނޫނުގައި މިހެން އޮތް ނަމަވެސް މިކަން އެއްވެސް ބަޔަކު ނުކުރާ ކަމަށް އުމަރު ފާހަގަކުރެއްވި އެވެ.

އުމަރު ވިދާޅުވީ ލޭ އަޅާ ކުދިންގެ އަދަދު މަދު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކައިވެނި ކުރާ ދެ ކެރިއަރުންނަށް ހޭލުންތެރި ކުރުމުގެ ހާއްސަ ޕްރޮގުރާމެއްވެސް ކުރިއަށް ގެންދާ ކަމަށާއި އެ ޕްރޮގުރާމުގެ ނަތީޖާ ވަރަށް ރަނގަޅުކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ސްކޫލްތަކުން ކުރާ ކަމެއްގެ ގޮތުގައި، ގުރޭޑު އަށަކުން މަތީގެ ދަރިވަރުން ތެލެސީމިއާ އަށް ޓެސްޓު ކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ލޭ އަޅާ ކުދިން ވީހާވެސް މަދުކުރުމަށް އެކި ގޮތް ގޮތުން މަސައްކަތް ކުރަމުން. ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް އެބަ ކުރެވޭ. ކޮވިޑުގެ ސަބަބުން މެދުކެނޑުނު ނަމަވެސް އަލުން އެ މަސައްކަތް ފެށުމަށް މިދަނީ ތައްޔާރުވަމުން. ދެން ސްކޫލްތަކުން ކުރާ ކަމެއްގެ ގޮތުގަ ތެލެސީމިއާ އަށް ޓެސްޓު ކުރުމަށް މަޝްވަރާ ކުރަމުންދަނީ. އަދި އެޑިއުކޭޝަނުން އެދެވޭ ޖަވާބެއް ނުލިބޭ. ސްކޫލްތަކުން މިކަން ކުރެވިއްޖެ ނަމަ މިސާލަކަށް ޒަވާޖީ ހަޔާތެއް ފަށަންވާއިރަށް އެނގޭނެ ދެއްތޯ ތިމާއަށް ލިބިފަ މިވަނީ ކޮން ކަހަލަ ކާޑެއް ކަން. އޭރަށް ކެރިއަރުންކަން އެނގި ތިބެ ކުރިއަށް ދާނެހެން ހިޔެއް ނުވޭ. ކައިވެންޏާ ހަމަޔަށް ދިޔުމުގެ ކުރިން މި ދެންނެވީ. އޭގެ ބަދަލުގަ މިހާރު ވާ ގޮތަކީ ކައިވެންޏަށް ހުރިހާ ތައްޔަރީތައް ވެފަ ކޯޓަށް ފޯމުލާފަ ޓެސްޓުވެސް މިހާރު މި ކުރަނީ. އޭރަށް ވަކިވާކަށް ބޭނުމެއް ނުވޭ." އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އޭގެ އިތުރުންވެސް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށްވެސް ތެލެސީމިއާއާ ގުޅޭ މަައުލޫމާތު ފޯރުކޮށްދީ އެ މައުލޫމާތު އާންމުނަށް ފޯރުކޮށްދޭން ތަމްރީނުތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ.

ރާއްޖޭގައި ލޭ އަޅާ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވީނަމަވެސް މިއަދަދު ސުމަކަށް ހެދުމަކީ އުނދަގޫ އަދި ނުވާނެ ކަމެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ. އެގޮތުން ދެ ކެރިއަރުން ކައިވެނި ކުރި ނަމަވެސް މާބަނޑުވުމުން ހަދަން ޖެހޭ ޕްރިނޭޓަލް ޓެސްޓު ހެދުން މުހިންމުކަން ފާހަގަކުރެއްވި އެވެ.

ތެލެސީމިއާ ސެންޓަރުގައި ލޭ އަޅާ ކުދީންގެ ގޮތުގައި 900 އަށް ވުރެ ގިނަ ކުދިން ރެޖިސްޓްރީވެފައިވާއިރު މިހާރު ދުނިޔޭގައި ތިބީ 630 ކުދިންނެވެ.