ޚަބަރު

ސިޔާދުގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ބާތިލްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކޮށްފިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް ސިޔާދު ރިޝްވަތު ދިން ކަމުގެ ހެކި ދައުލަތުން ހުށަހަޅާފައިނުވާތީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނިންމެވީ ސިޔާދަށް ކުރާ ދައުވާ ބާތިލްކުރުމަށެވެ.

އަބްދުﷲ ސައީދާއި ކުރީގެ އަލީ ހަމީދު ފްލެޓެއް ބައްލަވައިގަތުމަށް 2.4 މިލިއަން ޑޮލަރު ދެއްވިކަމުގެ ތުހުމަތުގައި ފަސް މަސް ވަންދެން ޖަލު ބަންދުގައި ބެހެއްޓުމަށްފަހު ޖުލައި މަހުގެ ތެރޭގައި ސިޔާދު ދޫކޮށްލީ ބައެއް ޝަރުތުތަކާއެކުގައެވެ.

އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ސިޔާދު ބަންދުކުރަން މާޗް މަހުގެ 21 ވަނަ ދުވަހު އަމުރުކޮށްފައި ވަނިކޮށް، އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ޖުލައި 19ގައި އަމުރުކުރީ އެޕާޓްމެންޓްތައް ގަތުމަށް ފައިސާ ދެއްކި ކަމަށް ބުނާ ލިޔުން އަދިވެސް ދައުލަތަށް ނުލިބި އޮތުމުން އެކަން ސިޔާދުގެ ވަކީލުން ފާހަގަކުރެއްވުމުންނެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރި އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދު ރިޝްވަތު ހިފިކަމުގެ ހެކި ދައުލަތުން ހުށަހަޅާފައިނުވާތީ އެ ތިން ބޭފުޅުންނަށް ކުރާ ދައުވާ ވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ ބާތިލްކޮށްފައެވެ.