ޝަހީދާ އަބްދުﷲ ސައީދު
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލީޝަނުން ބުނެފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރުނެތް މައްސަލަ މިއަދު ހުށަހެޅުއްވީ ޕީޕީއެމް އާއި ޕީއެންސީގެ މަޖިލިސް މެންބަރުންގެ ސޮޔާއެކު ކަމަށެވެ.
ނިހާން ވިދާޅުވީ މިނިސްޓަރުގެ އިތުބާރު ނެތް މައްސަލަ ވެއްދީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަފުޅެއް އިންޑިއާގައި ދެއްކެވުމާއި، އެވާހަކަފުޅާއި ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާތީ ކަމަށެވެ.
އަދި ގައުމުގެ ދިފާއީ ވަޒީރަކު ބޭރުގެ މީޑިއާގައި، އިންޑިއާއިން ބޭނުންވެއްޖެ ނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވި އިރު އެއީ އެންމެނަށް ވެސް އެނގޭ ކަމެއް ކަމަށާއި ނަމަވެސް ގައުމުގެ ދިފާއީ ވަޒީރު އެހެން ވިދާޅުވެގެން ނުވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އިންޑިއާގެ ވެރިކަންކުރާ ސިޓީގައި ހުންނަވައިގެން އެގައުމުގެ މީޑިއާއަށް ދެއްވި ބަސްދީ ގަތުމެއްގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ މެދު ކުޑައިމީސް ބަހެއް ވިދާޅުވެ ރާއްޖެއަކީ އެއްވެސް ތަނެއް ނޫންކަން ދެއްކެވުމަށްޓަކައި ދެއްކެވި ވާހަކަފުޅަކީ އެކަމަނާ ކުރެއްވި ހުވަޔާ ވެސް ޚިލާފު ކަމެއް ކަމަށެވެ.
އަދި މިނިސްޓަރު މާރިޔާގެ އެވާހަކަފުޅަކީ ވަޒީރު ކަމުގެ މެއިންޑޭޓުތަކާއި، ހަމަތަކާއި ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމާއި ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގެ ފުރަތަމަ ބާބާ ވެސް ހިލާފު އަމަލެއް ކަމަށް ނިހާން ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓު ނަގާނެ ކަމަށް ޕީޕީއެމްއިން ބުނެފައިވަނީ އެކަމަނާ ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ބޭނުންވެއްޖެނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.