ޚަބަރު

ވޯޓުގައި ބައިވެރި ނުވަނީ ބަޔަކު ކަމެއް ފޮރުވުމުގެ މަގްސަދުގައި: އީވާ

މަރިޔަމް ޝަހުދާ

ވޯޓުގައި ބައިވެރި ނުވަނީ ބަޔަކު ކަމެއް ފޮރުވުމުގެ މަގްސަދުގައި ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވެފައި ވަނީ މިއަދުވެސް މަޖިލީހުގެ ކޯރަމް ހަމަ ނުވުމުގެ ސަބަބުން ހިޔާނާތާއި މަރުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރުދޭ ބިލަށް ވޯޓަށް ނޭހުމުގެ ސަބަބުންނެވެ. އީވާ ވަނީ ކޯރަމް ހަމަ ނުވުމުގެ ސަބަބުން މި ބިލަށް ވޯޓަށް ނޭހުމަކީ ބަޔަކު ގަސްދުގައި ކުރާކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ބަޔަކު ކަމެއް ފޮރުވުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމަށާއި މިއީ މާޒީގެ ކުށްތަކުގެ ހަގީގަތް ހާމަވާން ބޭނުން ނުވާތީ އެކަން ފޮރުވުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއި، ގޮތް ނޭނގޭ މަރުތަކާ ބެހޭ ކޮމިޝަނަށް އެކަށީގެންވާ ބާރުތަކެއް ލިބިފައި ނުވާތީ، އެ ދެކޮމިޝަންގެ މަސައްކަތްތައް ބޭނުންވާ އަވަސް ސްޕީޑްގައި ކުރިއަށް ގެންދިއުމަށް ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ.

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ހިޔާނާތާއި މަރުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރުދޭ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށްވެސް ވަނީ ކޯރަމް ހަމަނުވުމުން ވޯޓަށް ނޭހިފައެވެ.