ޚަބަރު

ޕޯސްޓުން ގެނައި މަސްތުވާތަކެތީގެ މައްސަލައެއްގައި 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

ރިފާ ހަލީލު

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ފަސް ލައްކަ ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރުން 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ކަސްޓަމްސް އިން އެތަކެތި އަތުލައިގަނެފައިވަނީ ކޮރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ކަސްޓަމްސް އިން އެ ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ޕޯސްޓު މެދުވެރިކޮށް ގެނައި މަސްތުވާތަކެތީގެ މައްސަލައެއްގައި 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ އެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ކަސްޓަމްސް އިން އިއްޔެ ބުނީ، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވުނު ތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (ކްރިސްޓަލް މެތް) އަށް ޕޮޒިޓްވެފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 1.1363 ކިލޯ ހުރި ކަމަށެވެ. އެތަކެތީގެ މަގުމަތީ އަގު 500،000 (ފަސް ލައްކަ) ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.