ޚަބަރު

ދިއްދޫ ކައުންސިލް މެމްބަރ ހާޝިމްގެ އިސްތިއުފާއަށް ގޮވާލުމަށް ރައްޔިތުން މުޒާހަރާއަށް ތައްޔާރުވަނީ

4

ހއ.ދިއްދޫ ކައުންސިލްގެ މެމްބަރު އަދި ކައުންސިލްގެ ކުރީގެ ރައީސް އަލީ ހާޝިމްގެ އިސްތިއުފާއަށް ގޮވާލުމަށް ރައްޔިތުން މުޒާހަރާއަށް ތައްޔާރުވާން ފަށައިފިއެވެ.

ދިއްދޫ ރައްޔިތެއްކަމަށްވާ އިބްރާހީމް ޝަފީގް، (ޕެލެސް އިއްބެ) "ވަން އޮންލައިން" އަށް ދިން އިންޓަވިއުއެއްގައި ބުނީ ދިއްދޫގެ ރައްޔިތުން އެދެނީ ހާޝިމް ވީހާވެސް އަވަހަށް މަގާމުން އިސްތިއުފާ ދިނުމަށް ކަމަށެވެ.

ދިއްދޫގެ ރައްޔިތުން ހާޝިމް އިސްތިއުފާ ދިނުމަށް ގޮވާލާފައިވަނީ ޗެނަލް ނިއުސް އޭޝިޔާއިން ދައްކާ އަންޑަރކަވަާ އޭޝިއާގެ ސީޒަން 6 ގެ 4 ވަނަ އެޕިސޯޑަށް އޭނާ ދީފައިވާ އިންޓަވިއުއަކާއި ގުޅިގެނެވެ.

މި އިންޓަވިއުގައި ހާޝިމް ވަނީ ރާއްޖޭގެ ސަރުކާރުން ހުއްދަ ދީގެން ދަރުސްދޭ ޝައިހުންނާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ.

އެކި ޝައިހުން ދޭ ތަގުރީރުތަކަކީ ދިވެހިންނަށް ހުރި 'ބޮޑު މައްސަލަ'އެއް ކަމަށް މި އިންޓަވިއުގައި ހާޝިމް ވަނީ ބުނެފައެވެ. މީގެ އިތުރުން މުޖްތަމައުގައި ބުރުގާ އަޅާ އަންހެނުން ގިނަ ވުމަކީ ހައްދުފަހަނަ އަޅައިދާކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ހާޝިމް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޝައިހުންގެ ތަގްރީރުތައް ކޮންމެހެންވެސް ހުއްޓުވަންޖެހެއޭކަމަށް، ބުނާ ފަދަ މޭރުމަކުން ހާޝިމް ވަނީ މި އިންޓަވިއުގައި ދިއްދޫ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ވާހަކަ ދައްކައިފައެވެ.

މިކަމާއި ގުޅިގެން ދިއްދޫ ރައްޔިތުން ހާޝިމްގެ އިސްތިއުފާއަށް ގޮވާލަމުން ދާކަމަށްބުނެ ޕެލެސް އިއްބެ ވަނީ ދިއްދޫގެ ރައްޔިތުންނަކީ އިސްލާމް ދީނަށް ލޯބި ކުރާ، ދީނުގެ އުސޫލުތަކަށް ތަބާވާ ބަޔަކަށް ވީހިނދު، ރައްޔިތުންގެ ކަންކަމުގައި އިސްވެ ހަރަކާތްތެރިވާން 'ޔަހޫދީ' ވާހަކަ ދައްކާ މީހަކު ހުންނަން ބޭނުން ނުވާކަމަށް ބުނެފައެވެ.

ޕެލެސް އިއްބެ ވަނީ ދިއްދޫ ރައްޔިތުން އެންމެ އިސްކަމެއް ދެނީ އިސްލާމް ދީނުގައި އަންގަވާފައިވާގޮތަށް ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެން މިކަން ހައްލުކުރުމަށް ކަމަށް ބުނެފައެވެ. އަދި ވާހަކަ ދައްކައިގެން ހާޝިމް އިސްތިއުފާ ނުދީފި ނަމަ ހާޝިމްގެ އިސްތިއުފާއަށް ގޮވާލައި ޕެޓިޝަނެއް ހުށައަޅާނެކަމަށާއި، ސަރުކާރުގެ ކަމާއި ބެހޭ ހުރިހާ އިދާރާއަކަށް މިކަމުގައި ދާނެކަމަށް ޕެލެސް އިއްބެ ބުންޏެވެ.

މީގެ އިތުރުން މުޒާހަރާއަށް ތައްޔާރުވަމުން ދިޔަނަމަވެސް މުޒާހަރާ ކުރާނީ އެންމެ ފަހުގެ ކަމެއްގެ ގޮތުގައި ކަމަށް ޕެލެސް އިއްބެ ބުންޏެވެ.

ދިއްދޫ ޒުވާނުން އިސްވެ ތިބެ މުޅި ރައްޔިތުން އެދެނީ، 'ލާދީނީ' ވާހަކަ ދައްކާ މީހަކު ރަށުގެ ކައުންސިލަރެއްގެ މަގާމުގައި ނުހުރުން ކަމަށް ޕެލެސް އިއްބެ ބުންޏެވެ.

މީގެ އިތުރުން ހާޝިމްއަށް ވަކިން ގުޅައިގެން އެކި ޒުވާނުންނާއި އެކި ރައްޔިތުން ކައުންސިލަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ހާޝިމްގައިރީގައި އެދިފައިވާނެ ކަމަށާއި، މިހާރު ހާޝިމް އަށް ގުޅުމުން ޖަވާބު ނުދޭ ކަމަށްވެސް ޕެލެސް އިއްބެ ބުންނެވެ.

މީގެ އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް ސަރުކާރުން ގެންގުޅޭ ޒީރޯ ޓޮލަރެންސް އުސޫލުން، އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ފަތުރާ މީހުންނަށް ދިއްދޫ ރައްޔިތުންވެސް ގެންގުޅެނީ ޒީރޯ ޓޮލަރެންސްގެ އުސޫލުކަމަށް ޕެލެސް އިއްބެ ބުންޏެވެ.

މީގެ އިތުރުން ޕެލެސް އިއްބެ ވަނީ ހާޝިމްގެ އިންޓަވިއުގެ މައްސަލަ އިސްލާމިކް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާބެހޭ އިތުރު އިދާރާތަކުން ބެލުމަށް އެދިފައެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމުން ހާޝިމް އިސްތިއުފާ ދީފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އޭނާ ކައުންސިލުގެ ރައީސްކަމުން އިސްތިއުފާ ދީފައިވަނީ އިތުބާރުނެތްކަމުގެ ވޯޓް ނަގައި ކައުންސިލްގެ ރައީސްގެ މަގާމުން އޭނާ ދުރުކުރުމަށް ޕެޓިޝަނެއް ތައްޔާރު ކުރަމުން ދަނިކޮށެވެ.

މީގެ ކުރިން ދިއްދޫ ކައުންސިލުގެ ރައީސް ކަމުގެ މަގާމުގައި ހާޝިމް ހުރި އިރު ވެސް ވަނީ، ދިއްދޫގައި ހައުސިން މިނިސްޓްރީގެ ފަރާތުން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން އާއްމުނުކުރި މައުލޫމާތުތަކެއް ހާމަކުރި މައްސަލައެއްގައި ސަސްޕެންޑުކޮށްފައެވެ.

އަދި މިދިޔަ އަހަރު ވަނީ ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުވެސް ކޮށްފައެވެ.

އަދި ފަހުން އޭނާގެ މައްޗަށް ސައްހަ ނޫން ލިޔެކިޔުމެއް އުފެއްދުމުގެ ދައުވާ އާއި ސައްހަ ނޫން ލިޔެކިޔުމެއް އުފެއްދުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފް ގާއިމް ކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާ ވަނީ އުފުލައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟