މާލޭގައި ހިންގަމުން އަންނަ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ފުލުހުން ހުޅުމާލޭ ހިޔާ ފްލެޓްގެ އެޕާންޓްމެންޓެއް ބަލައި ފާސް ކުރުމަށް ހިންގި އޮޕަރޭޝަނެއްގައި ފުލުހަކަށް މީހަކު ކޯރާޑިއަކުން ހަމަލާދިން މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" މިރޭ ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހިޔާ ފްލެޓެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިން މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ، ހިޔާ ޓަވަރު 12ގެ އެޕާންޓްމެންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކޯރާޑިއަކުން މީހަކު ދިން ހަމަލާގައި އަނިޔާވެފައިވަނީ އެސްއޯ ފުލުހެއްގެ އަތަށެވެ.
މިދިޔަ ފިތުރު އީދު ދުވަހުން ފެށިގެން މާލޭގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހިންގަމުން އަންނަ ސިލްސިލާ މާރާމާރީތަކުގެ މައްސަލައިގައި ހާއްސަ އޮޕަރޭޝަނެއް ފަށައި ފުލުހުން ވަނީ މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގައި ދެން ހިމެނޭ ހަތް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އެ ހަތް މީހުންގެ ވަނަވަރުވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން މިހާތަނަށް ފަސް މާރާމާރީއެއް ހިންގައި ހަތް މީހަކު ޒަހަމް ކޮށްލާފައިވާއިރު އެ މާރާމާރީތަކުގައި ގުޅުމެއްވާ ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.
މާރާމާރީތައް އިތުރުވެފައި މިވަނީ ގޭންގުތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ގުޅިގެން އޮޕަރޭޝަނެއް ވެސް ހިންގަމުން ދަނިކޮށެވެ.