ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ތަހުގީގު އިތުރަށް ފުޅާކުރަން ޖެހޭ ކަމަށް އެ ހަމަލާގެ ކަންކަން ބެލުމަށް ސަރުކާރުން އައްޔަންކުރި މަންދޫބު، އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރު މެއި މަހުގެ ހަވަނަ ދުވަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާއަށް އަހަރެއްވުމާ ގުޅިގެން އައްބާސް މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެހަމަލާއަކީ ބަޔަކު ފަންޑުކޮށްގެން ކުރުވި ކަމެއް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށާއި އެކަމަށް ފަންޑުކުރި ފަރާތްތައް ހޯދުމަށް ތަހުގީގު އިތުރަށް ފުޅާ ކުރަންޖެހޭ ކަމަށެވެ.
އެ ހަމަލާއަށް ފަންޑު ކުރި ބަޔަކު ހޯދުމަކީ ތަހުގީގުގެ މުހިންމު ބައެއް ކަމަށާއި ނަމަވެސް ފަންޑުކުރި މީހުން މިހާތަނަށް ވެސް ހޯދިފައިނުވާތީ އެކަމާމެދު ކަންބޮޑުވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ތަހުގީގުގައި ފޯކަސް ކުރީ މައިގަނޑު ދެ ކަމަކަށް ކަމަށެވެ. އެއީ ބޮން ގޮއްވުމުގައި ސީދާ ހަރަކާތްތެރިވި މީހުންނާއި އެ ހަމަލާގެ ފަހަތުގައި އިތުރު ބަޔަކު ހިމެނޭތޯ ބެލުން ކަމަށެވެ.
މިހާތަނަށް ތަހުގީގުތަކުން ހޯދުނު ހޯދުންތަކާ ބެހޭގޮތުން އައްބާސް ވިދާޅުވީ އެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ފައިސާ ހޭދަކުރި ގޮތް ބެލުމަށް ފުލުހުން ތަހުގީގު ހިންގީ ބައިނަލްއަގުވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އަމަލީ ގޮތުން ބައިވެރިވި މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ހަމަލާގެ ތަހުގީގުގެ ކަންތައް މިނިވަންކަމާއެކު ބެލުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އޭނާއަށް ލިބޭ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި ޑިފެންސް މިނިސްޓްރީ އަދި އެޓާނީ ޖެނެރަލްގެ އޮފީހުންވެސް އޭނާ އަށް ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށާއި ތުހުމަތު ކުރެވޭ މީހުންނަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ލިބިފައިވޭތޯ ޕީޖީ އޮފީހުން ވަރަށް ރަނގަޅަށް ބަލައި، ކަށަވަރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޝަރީއަތްތައް ލަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރައްވާފައިވެއެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމާ މެދު އޮންނަ އިތުބާރާ މެދު ސުވާލު އުފެދޭނެ ކަމަށާއި އެހެންވެ، އެކަންކަން އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.