މުހައްމަދު ޖަމްޝަތް ވަހީދު
މިދިޔަ ފިތުރު އީދު ދުވަހުން ފެށިގެން މާލޭގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހިންގަމުން އަންނަ ސިލްސިލާ މާރާމާރީތަކުގެ މައްސަލައިގައި ކުޑަ ކުއްޖަކާއި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ހިންގި ދެ މާރާމާރީގެ ތެރެއިން ފުރަތަމަ މާރާމާރީއަކީ މާފަންނު ކޯރުކެނޑިމަގު، މާވެޔޮމިސްކިތް ކައިރީގައި ފަތިހު ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ދެވަނަ މާރާމާރީ ހިންގާފައިވަނީ ހެންވޭރު އަސްރަފީ މަގުގައި އެދުވަހުގެ ހެނދުނެވެ. އެ މާރާމާރީގައިވެސް ދެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހޯމަ ދުވަހުގެ ހެދުނު އަސްރަފީ މަގުގައި ހިންގި މާރާމާރީ މައްސަލައާ ގުޅިގެން 15 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކަކީ ގދ. ވާދޫ އުނިމާގެ ހަސަން ޒިޔާއު އިބްރާހިމް، 18އ އެވެ.
ފުލުހުން ބުނީ ހަސަން ޒިޔާއުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި 15 އަހަރުގެ ކުއްޖާ ޖުވެނައިލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މީހުންގެ އިތުރުން މި މައްސަލައިގައި ދެން ހިމެނޭ ހަތް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އެ ހަތް މީހުންގެ ވަނަވަރުވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު މާލޭގައި ދެ މާރާމާރީއެއް ހިންގާފައިވާ އިރު، ރޭ ހުޅުމާލޭގައި ވެސް ވަނީ ދެ މާރާމާރީއެއް ހިންގައިފައެވެ. އަދި ރޭގެ ވަގުތެއްގައި މާލޭގައި އިތުރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމް ކޮށްލައިފައެވެ.
ހުޅުމާލޭގައި ރޭ ހިންގި ފުރަތަމަ މާރާމާރީއަކީ ހުޅުމާލޭ ލަޔާ ރެސްޓޯރެންޓް ކައިރީގައި ހިންގި މާރާމާރީއެކެވެ. އަދި ދެވަނަ މާރާމާރީ ހިންގާފައިވަނީ ފޭސް ދޭއްގެ ބުރިޖު ކައިރީގައެވެ. އެ މާރާމާރީތަކުގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރާވާދެމުންނެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މާރާމާރީތައް އިތުރުވެފައި މިވަނީ ގޭންގުތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ގުޅިގެން އޮޕަރޭޝަނެއް ވެސް ހިންގަމުން ދަނިކޮށެވެ.