ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަތް މީހަކު ހޯދަން ފުލުހުން ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެމީހުން ހޯދަނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
މިދިޔަ އީދު ދުވަހުން ފެށިގެން މާލެއާއި ހުޅުމާލޭގައި ދަނީ ސިލްސިލާ މާރާމާރީތަކެއް ހިންގަމުންނެވެ. އެގޮތުން ރޭ އެކަނިވެސް ހުޅުމާލޭގައި ދެ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމްކޮށްލި އިރު، މާލޭގައިވެސް މީހަކު ޒަހަމްކޮށްލިއެވެ. އަދި އެ މާރާމާރީތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.