ޚަބަރު

ޔުނިވާސިޓީގެ ގާނޫނަށް އިސްލާހް ގެނުމުުގެ ބިލާއި، ގާނޫނީ ހިދުމަތުގެ ބިލް އަނބުރައި ކޮމިޓީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހްގެނައުމުގެ ބިލާއި، ދިވެހި ރާއްޖޭގެ ގާނޫނީ ހިދުމަތުގެ ބިލް އަލުން ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ދެބިލް އަލުން ކޮމިޓީއަށް ފޮނުވަން ފާސް ކުރީ ގާނޫނާ ފުށުއަރާ ކަންތައްްތަކެއް ހުރުމާއި، އިތުރަށް އިސްލާހް ކުރަންޖެހޭ ކަންތައްތަކެއް ބިލުގައި ހުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ، ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލުގައި ގާނޫނުއަސާސީއާ ތައާރަޒުވާ ކަންތައްތަކެއް ހުރި ކަމަށެވެ.

އެހެންކަމުން ޕާލަމެންޓްރީ ގަރޫޕުތަކުގެ ލީޑަރުންގެ މަޝްވަރާގެ އިތުރުން ސަރުކާރުގެ ފަރާތުން، އެ ބިލު މަޖިލީހަށް ހުށަހެޅުއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ބިލު އިތުރަށް ދިރާސާކުރަން ބޭނުންވާތީ މަޖިލީހުގެ ގަވާއިދުގެ 89 ވަނަ މާއްދާގެ ދަށުން ބިލް އަނބުރާ ކޮމިޓީއަށް ފޮނުވަން ރިޔާސަތުން ވޯޓަށް އެއްސެވި އެވެ.

އެވަގުތު ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވައިގެން ބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ފާސްކުރި އެވެ.

ސަރުކާރުގެ ފަރާތުން، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު ހުށަހެޅުއްވި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް އިތުރަށް ދިރާސާކުރަން އެ ބިލު ހުށަހެޅުއްވި މެންބަރު އެދިވަޑައިގެންފައިވާތީ، އެ ބިލް ކޮޓީއަށް ފޮނުވަން ވެސް މަޖިލީހުގެ ރައީސް ވޯޓަށް އެއްސެވި އެވެ.

ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިތުރަށް ދިރާސާ ކުރުމަށް އަނބުރާ ގައުމީ ތަރައްގީގެ ކޮމިޓީއަށް،

ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 41 އެމްބަރުންގެ ތެރެއިން ވޯޓު ދެއްވި 39 މެންބަރުންގެ އިއްތިފާގުންނެވެ.