ސުވިޒަލެންޑްގެ ޖެނީވާގައި ކުރިއަށްދާ ހިއުމަން ރައިޓްސް ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވާހަކަދައްކަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެގޮތުން ޖެނީވާ ގަޑިން މާދަމާ މެންދުރު 2:00ގައި ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަދައްކަވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރ ޝާހިދު ވަނީ މީގެ ކުރިން 2008 ވަނަ އަހަރު މި ކައުންސިލްގައި ވާހަކަދައްކަވައިފައެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރައީސް ކަމުގެ ދައުރުގައި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރެވެ.
މިނިސްޓަރ ޝާހިދު ޖެނީވާއަށް ވަޑައިގެންނެވީ މި ބައްދަލުވުމުގައި ވާހަކަދެއްކެވުމަށެވެ.