މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރޭ ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓައި އަދި ގައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، އެ ސިނާއަތުގެ ތަރައްގީއަށް މަގުފަހިކޮށް ހިތްވަރުދިނުމުގެ ގޮތުން، "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022" ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ އެވޯޑަށް ހުށަހަޅާ ހުށަހެޅުންތަކަކީ 1 ޖެނުއަރީ 2017 އިން ފެށިގެން 31 ޑިސެމްބަރު 2021 އަށް ބްރޯޑްކާސްޓްކޮށްފައިވާ ޑޮކިއުމެންޓްރީއެއް ކަމުގައިވާންވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އޭގެ ތެރޭގައި ނިއުސް ބުލެޓިން، ހަފުތާގެ ހަބަރުގެ ޕްރޮގްރާމް/ޝޯ، ވަގުތުން ގެނެސްދޭ ބްރޭކިން ނިއުސްގެ ރިޕޯޓު ނުވަތަ ވަކި މައުލޫއަކަށް ގެނެސްދޭ ހަބަރުގެ ޕްރޮގްރާމު ހިމެނިދާނެއެވެ.
ބްރޯޑްކޮމް އިން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސްގައި ދޭ އެވޯޑުތައް ވެސް އިއުލާންކޮށްފައެވެ. އެގޮތުން އެވޯޑު ދިނުމަށް ނިންމާފައިވަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ ޕްރޮޑަކްޝަން, ނޫސްވެރިކަމުގެ ދާއިރާ އަދި އިންޑަސްޓްރީއަށް ދޭ އެވޯޑުތަކެވެ. ކޮންމެ ދާއިރާއަކުން ވެސް ވަކިވަކި އެވޯޑުތަކެއް ވަނީ ތައާރަފުކޮށްފައެވެ.
އެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، އެވޯޑުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެވޯޑުތައް ދިނުމުގައި ބަލާނެ ކަންކަން ވެސް ބްރޯޑްކޮމް އިން ވަނީ އިއުލާންކޮށްފައެވެ. މިއީ ބްރޯޑްކޮމް އިން އެވޯޑެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.