އިބްރާހިމް ޒަކީ
ރައީސުލްޖުމްހުރިއްޔާގެ ނާއިބުކަން ކޮށްފައިވާ ފަތާތްތަކަށް ދޭނެ އިނާޔަތްތައް ކަނޑައެޅުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ރައީސުލް ޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ގާނޫނުގެ ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.
ބިލު ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅަކު ދައުރު ނިމުމަށްފަހު މަގުމަތީގައި ސަލާންޖަަހާތަން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހުރިއްޔާގެ ނައިބަކީ ހަމަ އެއްވޯޓަކުން އެއް ކެޓަގަރީއަކުން މަގާމަށް ވާސިލްވާ ދެ ބޭފުޅުން ކަމަށާއި، އެބޭފުޅުންގެ ހުވަޔަކީ އެއް ހުވައެއް ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާއަށް ކޮންމެ ކަމެއް ދިމާވިއަސް ދެން ހުންނަވާ ބޭފުޅަކީ ވެސް ނާއިބު ރައީސް ކަމަށާއި، އެފަދަ ބޭފުޅަކު ދައުރު ނިންމަވައި ވަޒީފާ ދޫކުރައްވާފަ ވަޑައިގަންނަވާއިރު ދޭން ޖެހޭ އިނާޔަތްތަކާއި ހިމާޔަތްތަކެއްވެސް ހުންނަން ކަމަށެވެ.
މި މައްސަލައަށް ވާހަކަ ދައްކަވުން ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝީދު ވިދާޅުވީ، ހުށަހަޅާފައިވާ ބިލުުގައި ވަނީ ނައިބުރައީސްކަން ކުރައްވާފައިވާ ބޭފުޅަކީ ދައުލަތުގެ އިއްޒަތްތެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށް ހަމަޖެއްސެވުމާއި، މުހާތަބު ކުރުމުގައި އެބޭފުޅެއްގެ ނަމުގެ ކުރިއަށް ނައިބުރައީސްގެ ގޮތުގައި މުހާތަބު ކުރުމާއި، ސަލާމަތީ ބާރުތައް މެދުވެރިކޮށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ހަމަޖައްސައި ދިނުމަށް ކަމަށެވެ. އަދި އެކަންކަން ހަމަޖެއްސުމަކުން ނުފުދޭ ކަމަށާއި، އެފަދަ ފަރާތްތަކަށް، މުސާރައިގެ ވަކި ޕަސެންޓަކާއި، ލިވިން އެލަވަންސާއި މެޑިކަލް އެލަވަންސެއްވެސް ހަމަޖައްސަން ޖެހޭ ކަމަށެވެ.
މި މައްސަލައި ބަހުސްކުރެއްވި ބައެއް ބޭފުޅުން ވަނީ، އެފަދަ މާލީ އެލަވަންސެއް ހަމަޖައްސާއިރު އެއީ ރާއްޖެއަށް ލިބޭ އާމްދަނީއަށް ކުރެވިދާނެ ކަމެއްތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ވޭރުވެދިޔަ ރިޔާސީ ދައުރުގައި މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްކޮށް ދެ ނައިބު ރައީސުން ވަކި ކުރުމަށްފަހު އެބޭފުޅުންނަށް އިނާޔަތް ހަމަޖެއްސެވުމަށް މިއަދު މަޖިލީހުގައި ވާހަކަ ދެއްކުމަކީ ވިސްނައިލަން ޖެހޭ ކަމެއް ކަމަށެވެ.
މިހާރުވެސް އެފަދަ އިނާޔަތްތައް ދޭން ޖެހޭ ހަތަރު ބޭފުޅުން ތިއްބެވިއިރު، އެންމެ ދުވަހަކު ނައިބު ރައީސްކަން ކުރެއްވި ބޭފުުންނަށްވެސް އިނާޔަތް ދޭގޮތަށް ކަނޑައަޅައިގެން އުމުރު ދުވަހު އެ އިނާޔަތްދިނުމަކީ ގައުމަށް ކުރެވިދާނެ ކަމެއްތޯ ޣަފޫރު ވަނީ ސުވާލު ކުރައްވައިފަ އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ އިނާޔަތްތައް ކަނޑައަޅާއިރު ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެ ފަދަ އިނާޔަތްތައް ދެވޭ ފަރާތްތަކަށް އެހެން ފަރާތަކުން އިނާޔަތް ލިބިގެން ނުވާނެ ކަމަށެވެ. މިސާލެއްގެ ގޮތުން ރިޔާޒު ވިދާޅުވީ، ނައިބު ރައީސްކަމާއި ރައީސުލް ޖުމްހުރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް މަޖިލީހަށް އިންތިހާބު ވުމުގެ ފުރުސަތު އޮވެފައި މަޖިލީހުގައި ގިނަ ދުވަސްވީ މެންބަރުންނަށް އިނާޔަތްތައް ކަނޑައެޅިފައިވާއިރު މަޖިލިސް މެންބަރުކަން ކޮށްގެން އިނާޔަތް ލިބޭ ފަރާތްތަކަށް ނައިބުރައީސްކަން ކޮށްގެން ލިބިދޭން ޖެހޭ އިނާޔަތް ލިބިގެން ނުވާނެ ކަމަށެވެ.
އަދި ނައިބު ރައީސްކަން ކުރެއްވި ފަރާތްތަކަށް ދައުލަތުގެ އެހެން ވަޒީފާތައް އަދާ ކުރުުގެ ފުރުސަތު އޮންނައިރު، އެފަދަ އިނާޔަތްތައް ލިބެން ޖެހޭނީ ވަޒީފާ އަދާނުކުރާ ފަރާތްތަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައީސުލް ޖުމްހުރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމަށް މަޖިލީހުގައި މިއަދު މަޝްވަރާ ކުރެވިފައިވާއިރު، މިހާރު މިހިނގާ ރިޔާސީ ދައުރު ނުހިމަނައި، ވޭތުވެދިޔަ ރިޔާސީ ދެ ދައުރުގައި ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅުުން މިހާރުވެސް އެބަ ތިއްބެވި އެވެ.