ފިތުރު ޒަަކާތުގެ ގޮތުގައި ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދައްކާފައިވަނީ 107,132 ފަރާތަކުން ކަމަށެވެ. އެ މުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ ޖުމުލަ 5,583,326.44 (5.6 މިލިއަން) ރުފިޔާއެވެ.
މިދިޔަ އަހަރު އެ މުއްދަތުގައި 5,657,851 ރުފިޔާ ލިބިފައިވާ އިރު، އެ މުއްދަތުގައި ފިތުރު ޒަކާތް ދައްކާފައިވަނީ 135،743 ފަރާތަކުންނެވެ.
ދިރާގުގެ ދިރާގު ޕޭ އާއި އެސްއެމްއެސް، އުރީދޫގެ އެމްފައިސާ އާއި އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް އަދި ފަހި ޕޭ މެދުވެރިކޮށް، ރޯދަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަންނާނެއެވެ. އަދި ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުން ރޯދަމަހުގެ އެންމެފަހު ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.
ފިތުރު ޒަކާތް ބަހާނީ ރޯދަމަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިތުރު ޒަކާތް ދޭނީ ފަގީރުންގެ ލިސްޓުގައިވާ މީހުންނަށެވެ.
މިއަހަރުގެ ފަގީރުންގެ ލިސްޓުގައި ހިމެނެނީ 8984 މީހުންނެވެ. ފަގީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މި ރޯދަމަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7778 މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނީ މިއަހަރު ރާއްޖޭގައި 42 ރަށަކުން އެއްވެސް މީހަކު ފަގީރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ފަގީރެއްގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓްރީ ނުކުރާ 45 ރަށެއް އޮތެވެ.