ޚަބަރު

އީދު ބަންދާ ދިމާކޮށް ޕާސްޕޯޓުގެ ހިދުމަތަށް ބާރުބޮޑުވެއްޖެ، އިއްޔެ އެކަނިވެސް 329 ޕާސްޕޯޓު ދޫކުރި

މުހައްމަދު އިޝާން

ފިތުރު އީދު ބަންދާ ދިމާކޮށް ޕާސްޕޯޓުގެ ހިދުމަތަށް ބާރުބޮޑުވެ، އިއްޔެ އެކަނިވެސް 329 ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އިއްޔެއަކީ ޕާސްޕޯޓުގެ ހިދުމަތަށް އެންމެ ބާރުބޮޑުވި އެއް ދުވަސް ކަމަށެވެ.

އެގޮތުން 227 ޕާސްޕޯޓު އެންރޯލްކޮށް، 329 ޕާސްޕޯޓް އިއްޔެ ދޫކޮށްފައިވާ ކަމަށާއި ވީހާ ވެސް ގިނަ މީހުންނަށް ހިދުމަތްދިނުމުގެ ގޮތުން އިއްޔެ ހެނދުނު 9:00 އިން ރޭގަނޑު 11:30 އަށް އިމިގްރޭޝަން އޮފިސަރުން މަސައްކަތް ކުރި ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ކޮންމެ ބޮޑު ބަންދަކާ ދިމާކޮށް ވެސް ޕާސްޕޯޓުގެ ހިދުމަތަށް ބާރުބޮޑުވެއެވެ.

މިއަހަރުގެ ފިތުރު އީދާ ގުޅިގެން ނުވަ ދުވަހުގެ ޗުއްޓީއެއް ލިބޭ އިރު، ގިނަ ބަޔަކު އަންނަނީ ރާއްޖޭން ބޭރަށް ދަތުރުކުރުމަށް ވެސް ތައްޔާރުވަމުންނެވެ. އަދި މިހާރު ގިނަ ބަޔަކު ވަނީ އަތޮޅުތެރެއަށް ވެސް ފުރައިފައެވެ. މިއީ ކޮވިޑަށްފަހު އެންމެ ގިނަ ބަޔަކު މާލެއިން ބޭރަށް ދަތުރުކުރާނެ ބަންދުކަމަށް ބެލެވެއެވެ.